ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް އެކަން ހާމަކޮށްފައިވާއިރު އިއްޔެ މެޓް އޮފީހުން ބުނީ، ދުންފުހުގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރެއަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެފައިވާ ކަަމަށެވެ.

ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ"އިން ފެންނަ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިއަދު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމް ކަމަށްވާއިރު އެ ލެވެލްއަކީ އޮރެންޖު އެލާޓް ހިމެނޭ ލެވެލްއެވެ. އެއާއެކު ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ އިތުރުން އެހެން މީހުންނަށް ވެސް ނޭވާ ލުމުގެ ނިޒާމަށް ޖެހޭ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ހާލަތުގައި އަމަލު ކުރުމަށް އެޗްޕީއޭއިން ދީފައިވާ އިރޝާދުތަކަކީ:

  • ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު ރައްކާތެރި (އެން95) މާސްކު ބޭނުންކުރުން
  • ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • އެއާ ޕިއުރިފަޔާ ބޭނުންކުރުން
  • ނާޒުކު ހާލަތުގައި ތިބި މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން

މި ހާލަތު ކުރިއަށް އޮތް ހަފްތާ ތެރޭގައި ވެސް އިތުރަށް ގޯސްވެދާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައި ވެއެވެ. ރާއްޖޭގެ ޖައްވު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ނުސާފުވެއެވެ.

މިފަދައިން ދިމާވަނީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވާއިރު ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ ގައުމުތަކުގެ މޫސުމީ ބަދަލަކާ ގުޅިފައިވާ ކަމެކެވެ. އެ ގައުމުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދުންވެސް މި ބަދަލު ފެންނަމުންދެއެވެ.