ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާން 'ދިތުވާ" ގެ ސަބަބުން ސްރީލަންކާގެ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާގައި އުޅޭ ދިވެހިން ހިންގާ ހާއްސަ ޑޮނޭޝަން މިރޭ 20:00 އާ ހަމައަށް ކުރިއަށް ދާނެކަމަށް މި ހަރަކާތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ސްރީލަންކާއަށް އެހީވުމަށް ހިންގާ ހާއްސަ ޑޮނޭޝަން މިއަދު 10:00 އިން ފެށިގެން 20:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯސަން ވިލާގައެވެ.

ތޫފާން ދީތުވާގައި ލަންކާއަށް ކުރި ބޯ ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު، ދިވެހިން އިސްނަގައިގެން ދެ ދުވަހަށް ކުރިއަށް ގެންދާ އެ ހަރަކާތަަށް މިހާތަނަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ހައިކޮމިޝަނުގެ މުވައްޒަފު، ހަލީމަތު ޝިޒްނާ ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް މިވަގުތު ންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް އެ ގައުމުގެ ކަމާއި ގުޅޭ އިދާރާތަކުން ނެރެފައިވާއިރު އޭގެ ތެރޭގައި އަންނައުނާ، ސެނިޓަރީ ޕެޑާ، ކުޑަކުދިންނަށް ބޭނުންވާ އެކި ސާމާނާ، ކިރު ދަޅާ، ސައިބޯންޏާއި ދަތްއުނގުޅާ ބޭހާއި ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، މަރުވި މީހުންގެ އަދަދު ވަނީ 465 ކަށް އަރާފައެވެ.