އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގައި ބޭރު މީހުން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު އިނގޭ ނަމަ އެކަން ލަސްނުކޮށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިުލާނެއްގައި ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބޮޑުވެފައިވާ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އޭގެތެރެއިން ރައްޔިތުންގެ މަޖިލީހުން އޮގަސްޓް 22، 2024 ގައި ފާސްކޮށް، ސަރުކާރުގެ ގެޒެޓުގައި ސެޕްޓެންބަރު 3، 2024 ގައި ޝާއިއުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނު 2024/11 ގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އާންމުކޮށްފައެވެ. އެ ލިސްޓްގައި ޖުމްލަ 34 ދާއިރާއެއް އާންމުކޮށްފައިވާ އިރު މީގެ ތެރެއިން މިހާރު ވެސް ބައެއް ދާއިރާތަކަކީ ބިދޭސީން މަސައްކަތް ކުރާ ދާއިރާތަކެވެ.
ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާގެ ލިސްޓުން ބައެއް ދާއިރާތައް
- އޮންލައިން ވިޔަފާރި ހިމެނޭ ހެން ރީޓެއިލް ވިޔަފާރި
- ހޯލްސޭލް ވިޔަފާރި
- ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ހަރަކާތްތައް
- 15 މިލިއަން ޑޮލަރަށް ވުރެ ދަށުގެ އިމާރާތްކުރުމުނުގެ މަސައްކަތަ
- 10 މިލިއަން ޑޮލަަރށް ވުރެ ދަށުގެ އިސޯޓް ކޮންސްޓްރަކްޝަން މަސައްކަތް
- ލޭންޑްސްކޭޕް ސާވިސް
- ޓްރެވަލް އެޖެންސީ، ޓުއާ އޮޕަރޭޝަން ރިޒަވޭޝަން ހިދުމަތް
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ޕަބްލިޝް ކުރުމުގެ މަސައްކަތް
- ކޮމްޕިއުޓަރާއި، އާންމު މުދާ، ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތުކުރުމުގެ މަސައްކަތް
މި ލިސްޓްގައިވާ ދާއިރާތަކުން ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާ ނަމަ ރިޕޯޓްކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މައުލޫމާތު، އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. ނުވަތަ މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ރިޕޯޓްކުރެވޭނެ ކަމަށާއި ހޮޓްލައިން އަށް ރިޕޯޓްކުރެވޭނީ ހެނދުނު 8:00 – ރޭގަނޑު 8:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން އިމިގްރޭޝަން ވޮޗް އަށް ރިޕޯޓް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ، އެގޮތުން ލިބޭ މައުލޫމާތް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މި މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށް ދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
