އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު ރެޑް ފޯޓު ސަރަހައްދުގެ ޓްރެފިކްގައި މަޑުކުރި ކާރެއް ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.

މިިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބަލައި އިންޑިއާގެ އިދާރާތަކުން ތަހުގީގު ފަށާފައި ވާއިރު ގޮވި ކާރަކީ އިންޑިއާގެ ހަރިޔާނާގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ ޖަންމޫ އެންޑް ކަޝްމީރުގެ ޕުލްވާމާއަށް ނިސްބަތްވާ މުސްލިމް ޑޮކްޓަރެއްގެ ކާރެއް ކަމަށް ބުނެއެވެ. އެއީ ޑރ. މުހައްމަދ އުމަރު ނަމަކަށް ކިޔާ މީހެއް ކަމަށާއި ކާރު ގޮވި އިރު އޭނާ ކާރުގައި އިން ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.

މިހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އިދާރާތަކުން އަދި ނިންމާފައި ނުވި ނަމަވެސް މި ހާދިސާ ހިނގާފައި މިވަނީ، ޓެރަރިޒަމާ ގުޅުންހުރި ހާދިސާއެއް ފެންމަތިވެ ހުސްވި ހަފްތާގައި ތަހުގީގެއް ފަށައިގެން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

އެ ހާދިސާއާ ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ، ހަރިޔާނާގެ ފަރީދުއާބާދުގެ ގެއެއް ބަލއި ފާސްކޮށް 2900 ކިލޯގެ ގޮވާތަކެތި ހޯދާފައި ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އެމޯނިއަލް، ޕޮޓޭސިއަމް އަދި ސަލްފާ ނައިޓްރޭޓް ހިމެނޭ ކަމަށާއި އެތަކެތި ފެނިފައި ވަނީ، ޑރ. މުހައްމަދު އުމަރާ ގުޅުން ހުރި 2 ކޮޓަރީގެ އެޕާޓުމަންޓަކުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ހާދިސާއާ ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އެއީ ޖައިޝޭ މުހައްމަދު ޖަމާއަތާ ގުޅުން ހުރި ބައެއް ކަމަށް ވެސް އިދާރާތަކާ ހަވާލާދީ ހަބަރުތަކުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ބައެއް އޮފިޝަލުންނާ ހަވަލާދީ ރިޕޯޓުތައް ބުނާގޮތުން ކާރު ގޮވުމުގެ މިހާދިސާ އާއި، ހަރިޔާނާއިން ގޮވާތަކެތި ފެނުމާއި ދާދި ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި 1 ހަފްތާގެ ހަނގުރާމައާވެސް ގުޅުމެއް ވެއެވެ. އޮފިޝަލުން ވިދާޅުވަނީ، އެ ހަނގުރާމަ އާ ގުޅިގެން އިންޑިއާއިން ފެށި 'އޮޕަރޭޝަން ސިންދޫރު' އަދި ނުނިމޭ ކަމަށާއި ޓެރަރިޒަމާ ގުޅުންހުރި ކޮންމެ ކަމެއްގައި އަމަލު ކުރާނީ އިންޑިއާ އާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

ރެޑް ފޯޓު ހާދިސާ އާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ، ތަހުގީގުކޮށް އެންމެ ފުނަށް ވަޑައިގަންނަވާނެ ކަމަށާއި، އެކަމުގައި ބައިވެރިވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

އިންޑިއާގެ ވިޔަފާރީގެ މަރުކަޒު އަދި ފިލްމްސްޓާރުން ގިނަ ބޮމްބޭގައި 2008 ގައި ޓެރަރިސްޓް ހަމަލާއެއް ދީފައި ވެއެވެ. އެހާދިސާގައި 166 މީހަކު މަރުވިއެވެ.