ހުޅުމާލެއަށް ވަކި ކައުންސިލެއް އުފައްދަން އެމްޑީޕީގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ މާލެއާ އަޅާބަލާއިރު ހުޅުމާލެއަކީ ތަފާތު ސިފަތަކެއް ލިބިގެންވާ ތަފާތު ތަނެއް ކަމަށާއި، މާލޭގެ އަގުލަބިއްޔަތު އޮންނަ ކައުންސިލަކުން ހުޅުމާލެ އަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް އަމަލު ނުކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

ޝަމްހީދުގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް ވެސް ވަނީ މި ހިޔާލަށް ތާއީދުކުރައްވާކަން ހާމަކުރައްވާ، މާލެ ސިޓީގެ އިހްތިސާސުން ވަކިވެ ވަކި ސިޓީއެއްގެ ގޮތުގައި ހުޅުމާލެ އޮންނަން ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޝަމްހީދު މިފަދައިން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮތުމާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދޫ އަދި މީދޫގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވަނިކޮށެވެ.

އެގޮތުން ހިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫ އަދި މީދޫ އިން ވަނީ ސިޓީ އިން ވަކިވެ ރަށު ކައުންސިލު ހެދުމަށް ތާއިދުކޮށްފައެވެ. ނަމަވެސް ފޭދޫ ރައްޔިތުން ސިޓީއިން ވަކިވާން ބޭނުން ނޫންކަމަށް ތާއީދުކޮށްފައިވެއެވެ.