ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރު މާޗް މަހުގެ 28 ވަނަ ދުވަހަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އީސީގެ ރައީސް ވިދާޅުވީ މި ދެ އިންތިހާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތައް ވާން ޖެހޭ އިންތިހާބު ކަމަށެވެ. އެހެންކަމުން ދުރާލާ އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްދާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިންތިހާބާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރައްވަމުން ޒާހިދު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކޮމިޝަނުން ތާވަލުކޮށްފައިވަނީ 28 މާރިޗު 2026 ކަމަށާއި، ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ. މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ހަރަދުކުޑަކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. އަދި އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށް ޒާހިދު ވިދާޅުވިއެވެ. މިހާރުވެސް ޓްރެއިނަރުން ނެގުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކޮށް ޒާހިދު ވިދާޅުވީ ކޮންމެ ރަށަކުން ނަގަންޖެހޭ ފޯކަލް ޕޮއިންޓުން ނެގުންވެސް ކުރިއަށް ދާކަމަށެވެ. އަދި މިއީ ކޮންމެ ރަށެއްގައި ރަށު ފެންވަރުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ނަގާ ބައެއްކަމުގައި އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކާވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ޒާހިދު ވިދާޅުވީ ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ރަށްރަށުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޒާހިދު ވިދާޅުވީ މީޑިއާގެ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ވެސް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.