ށ. މަރޮށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫއުގެ އެއްބަސްވުމުގައ،ިކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުކަމަށެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ކަމަށެވެ.
އެމްޓީސީސީން ބުނީ 998 މީހުންގެ އާބާދީއެއް އޮންނަ މަރޮއްޓަކީ ފަރުމަސްވެރިކަމާއި، ގެސްޓް ހައުސް ވިޔަފާރި އާއި ފަންގި ވިނެގެން އާމްދަނީ ހޯދާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށާއި، މި ރަށުގެ ބިން ހިއްކައި ނިމުމުން ގޯތިގެދޮރު އެޅުމަށާއި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް އިތުރުބިން ރަށުން ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މި ރަށަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެއްކަމަށާއި، އެކަމުގެ ސަބަބުން ރަށުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 30 ރުއް ވެއްޓިފައިވާކަމަށާއި، މިއީ ފަންގި ވިނެގެން އާމްދަނީ ހޯދާ ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެއާއެކު އެމްޓީސީސީން ބުނީ މިހާރު ހަވާލުކުރެވިފައިވާ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 14.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 669 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 389 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ. އަދި މިއީ 148.57 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސް މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ ރަށްތަކެއްގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަންނަނީ ފައްޓަވައިދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނު މިއަދު މިލަންދޫއަށް ވަޑައިގެން މިލަންދޫގައި ހޮސްޕިޓަލަކާއި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް ފެއްޓުމުގެ ރަސްމިއްޔާތު ވަނީ ޝަރަފުވެރި ކޮށްދެއްވާފައެވެ.