ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމައި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށްޓަކައި އޮންލައިން ޕޭމެންޓު ސިސްޓަމް، ޕޭޕަލްގެ ހިދުމަތް ފެށޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލް އާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނެއުމަށް ކުރަމުންދާ މައިގަނޑު އެއް ލަނޑުދަނޑި ހާސިލްވުން ކަމަށެވެ.

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމަށްޓަކައި ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެގޮތުގެ މަތިން ރާއްޖޭގެ ތާރީހުގައި އަލަށް މި ފަށާ މުހިންމު ހިދުމަތަކީ ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރުމާއި ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އަދި އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެފަދަ ހިދުމަތްތައް ގައުމުގައި ފަށައިގަތުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަ ކަމަށާއި ފަންނީ އަދީ މާލީ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ގައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، އެފަދަ ބައިނަލްއަގްވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއްދީ އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ހުރަސްތައް ކަޑަތުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"އެ ހިދުމަތް ތައާރަފު ކުރުމަށް ޕޭފަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރި ކަމަށާއި ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އިޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް" ބަޔާނުގައި ވެއެވެ.

އެ ކާމިޔާބީއާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ޕާޓްނަޝިޕްގެ ސަބަބުން ޕޭފަލް އާއި އުރީދޫ އެމް-ފައިސާ ވޮލެޓް އިންޓެގްރޭޓްވެ، ވިޔަފާރިވެރިންނާއި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް މޮނިޓައިޒްކޮށް، ދުނިޔޭގެ އީ-ކޮމާސް ޕްލެޓްފޯމްތަކާ ފަސޭހައިން ގުޅުވާލެވޭނެ ކަމަށެވެ.

އަދި އެ ކާމިޔާބީ ދައްކުވައިދެނީ ރާއްޖޭގެ މާލީ މާހައުލު ހަރުދަނާ ކުރުމަށާއި، ކުރިމަތިވާ ހުރަސްތައް ނައްތާލައި، ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުމަށް، ސަރުކާރުން ފެށުނީއްސުރެ ދެއްވާ އަހަންމިއްޔަތުކަން ކަމަށާއި އެކަން ކުރުމުގައި އެހީތެރިވެދެއްވި ޕޭފަލް، އުރީދޫ ފިންޓެކް، އެމްއެމްއޭ އަދި ހުރިހާ ޕާޓްނަރުންނަށް ވެސް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.