ސޯޝަލް މީޑިއާގައި ފުލުހުންނަށް ދިން އިންޒާރަކާ ގުޅިގެން ހިފެހެއްޓި، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) އެ ޕާޓީގެ ޒުވާން އެކްޓިވިސްޓް އާއިޝަތު ޝިމަން އަހުމަދުގެ ފޯނު ފުލުހުން ދޫކޮށްލައިފި އެވެ.
މި މަހުގެ 7 ވަނަ ދުވަހު ޒަހިއްޔާގެ ފޯން ހިފެހެއްޓީ ފުލުހުން ޓެގްކޮށް، އޭނާ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓުގައި އޭނާ ބުނީ "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." މިފަދައިންނެވެ.
ފުލުހުންނަށް ދިން އެ އިންޒާރާއި ގުޅިގެން ޒަހިއްޔާގެ ފޯން ހިފެހެއްޓިއިރު ޝިމަންގެ ފޯން ފުލުހުން ހިފެހެއްޓި މި މަހުގެ 9 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ހިތްވަރު ލިބޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށް ބުނެއެވެ.
މި ދެ މީހުންގެ ފޯން ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު ޒާތީ ފޮޓޯތަކެއް ފުލުހުން ލީކުކޮށްލި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ތުހުމަތުތައް އިންކާރުކޮށްފައެވެ.
ޝިމަންއަކީ މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާގައި ވެސް އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އެ މުޒާހަރާއިން އޭނާ އާއި އިތުރު މީހަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.