އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އޭޖީ އޮފީހުން ބުނީ އެ ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްއި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓުގެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ ރައްކާތެރި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މި ހިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށް ކަނޑައަޅަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހެދުމާއެކު ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބޭ ފަރާތުގެ ޒިންމާތަކެއް ކަނޑައެޅުންވެސް މި ބިލުގެ މަގްސަދެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައިވާ ގޮތުން އެއްވެސް މީހެއްގެ ނުރުހުމުގައި އޭނާގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގައި އެހީތެރިވުމާއި އެ ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއްގައި އެހީތެރިވާ މީހުންނާއި ސިއްހީ ހިދުމަތްތެރިން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު އަދަބު ކަނޑައަޅާފައިވާއިރު އެފަދަ ކުށެއް ކުރި ސިއްހީ ހިދުމަތް ދޭ ތަނެއް ޖޫރިމަނާ ކުރުމަށްވެސް ވަނީ ބިލުގައި ހިމަނާފައެވެ.
އެ ބިލުގައި ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅާފައިވާ ގޮތަކީ:
- މީހެއްގެ ރުހުމެއް ނެތި ޓްރާންސްޕްލާންޓު ކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުން
- ޓްރާންސްޕްލާންޓު ކުރުމަށް ޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުން
- ޓްރާންސްޕްލާންޓު ކުރުމުގެ ލައިސަންސް ނެތި ހިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާއި އެނޫން ކަންކަން ކުރުން
ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭއިރު ގުނަވަން ހަދިޔާ ކުރެވޭނީ ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ހޯދައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. މި ގާނޫނާއެކު 5 މެންބަރުންގެ މައްޗަށް އެކުލަވައިލެވޭ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފައްދާއިރު ގުނަވަން ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭނީ މި ކޮމިޓީންކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.
މި ބިލުގައި ބުނެފައިވާގޮތުގައި ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމާއި ގަތުމަކީވެސް ކުށެކެވެ.