އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓު ގާނޫނުގައި ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަ ކުރެވިފައިވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދިވެހިންނަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ވައުދެއް ކަމަށާއި، އެގޮތުން އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓު ގާނޫނުގައި ކުރިއާއި ހިލާފަށް ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަ ކުރެވިފައިވާކަމަށެވެ.
ފޮރިން އިންވެސްޓުމަންޓު ގާނޫނެއް ރާއްޖޭގައި ފުރަތަމަ ފާސްވެފައިވަނީ 1979 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ 45 އަހަރުގެ ދިގު މުށްދަތަކަށްފަހު އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓް ގާނޫނު، 3 ސެޕްޓެމްބަރު 2024 ގައި ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
މި އާ ގާނޫނު އެކުލަވާލާފައިވަނީ ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަކަށްފަހުކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި، ހިފަހައްޓަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށްވެސް ބެލިފައިވާނެ ކަމަށެވެ.
ފާހަގަކުރެވޭގޮތުގައި މި އާ ގާނޫނުގައި ވާ ގޮތުން ރާއްޖޭގައި އެކި ދާއިރާތަކުން ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަނެ، ދިރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް ހެދުމުގެ އިތުރުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ ގާނޫނުގައި ކަނޑައަޅާ ދާއިރާތަކުން އެކަންޏެވެ.
އިންވެސްޓަރުން އިންވެސްޓް ކުރާނެ ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކުކަމަށްވާއިރު އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ލައިސެންސްވެސް ހޯދަން ޖެހޭނެއެވެ.
މީގެއިތުރުން ހުއްދަ ދީފައިވާ ވިޔަފާރިއެއް ނޫން އެހެން ވިޔަފާރިއެއް ކުރާ ނަމަ މުޅި ވިޔަފާރީގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.