ހަ ވަނަ އިންޑިއާ މޯލްޑިވްސް ޑިފެންސް ޑައިލޮގްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ ވަފުދުގެ ބޭފުޅުން ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފިއެވެ.
ދިވެހި ބަހާއި ތާރީހާއި ބެހޭ މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ގައުމީ ދާރުލް އާސާރަށް އެބޭފުޅުން ކުރެއްވި މި ޒިޔާރާތުގައި ވަނީ ދާރުލްއާސާރު ބައްލަވާލައްވާފައި ވާ ކަމަށެވެ.
އެޮތުން އެތަނުގައި ތަރުތީބުކޮށްފައިވާ އާސާރީ ތަކެއްޗާ ބެހޭ ތަފްސީލްތައް ދާރުލްއާސާރުގެ ފަރާތުން ވަނީ ހިއްސާ ކުރައްވާފައެވެ. މި މައުލޫމާތު އެފަރާތްތަކަށް ހިއްސާކުރީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުގެ ގައިޑުންނެވެ.
މި ވަފްދު ރާއްޖެއަށް ކުރައްވާ މި ދަތުރަކީ މި މަހުގެ 6 ވަނަ ދުވަހުން 7 ވަނަ ދުވަހަށް ކުރައްވާ ރަސްމީ ދަތުރެކެވެ.
ފަހަކަށް އައިސް، ދާރުލްއާސާރަށް ޒިޔާރަތްކުރާ ބޭރުގެ ވަފުދުތަކާއި، ފަތުރުވެރީންނާއި، ދިވެހީންނާއި، މަދުރަސާ ކުދީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.