ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ބޮޑުވާނެ ކަމަށް ރައީސުމްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒް ކުރެވި، މިއަހަރު މުސާރަ ބޮޑުވެގެންދާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވާނެ ކަމަށާއި އެގޮތަށް އެކަން ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށް ވެސް މިއަދު ރައީސް ވަނީ ވިދާޅުވެއެވެ.

ސިވިސް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި މިއަހަރު 30 ހާހަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެއެވެ.

ކައުންސިލްތަކަށް ބަލާއިރު، ރާއްޖޭގައި 189 ރަށު ކައުންސިލާއި 5 ސިޓީ ކައުންސިލް ހިމެނެއެވެ. އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ކައުންސިލެއް ހިމެނެއެވެ.

ޖުޑީޝަރީގެ ދާއިރާގައި ކޮންމެ ރަށެއްގައި ކޯޓަކާއި، އަދި ސިޓީތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ވަކިވަކި ދާއިރާތަކަށް ހާއްސާ ކޯޓުތައް ހިމެނޭއިރު، މުސާރަ ބޮޑުވެގެން ދާއިރު މަސައްކަތު މީހުންނާއި، އެހެންނިހެން ގިންތީގެ މީހުން ހިމެނޭހެން ބައިލައްކައެއްހާ މީހުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ސިވިލްސާވިސް އާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިއަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މުސާރަަ އެއްހަމަ ކުރުމުގެ މަސައްކަތް ފަށާފއި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެގޮތުން އެ ވެރިކަމުގައި ވަނީ ޓީޗަރުންނާއި ލެކްޗަރާއިންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށްފައެވެ. މި ބަދަލާ އެކު ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އެ ބަޖެޓުގައި އަންނަ އަހަރު މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައި ވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާއެވެ. އެއީ މި އަހަަރުގެ ބަޖެޓަށް ކަނޑައެޅި އަދަދަށް ވުރެ 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.