ގަަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި އެފަދަ މީހުން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން މި މަހު 22 ވަނަ ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ބަލައިފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު ފެނިފައިވެއެވެ. މީގެ އިތުރުން، ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝަމިމް މިއާ، ބަންގްލަދޭޝް (37އ) އާއި އަލައުއްދީން، ބަންގްލަދޭޝް (22އ) އެވެ. މިއީ 13 ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުގެ 3 އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ 3 އޮފިސަރަކު ބައިވެރިވެގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
ގާނޫނާ ހިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކަން ފޯރުކޮށްދޭ ދިވެހިން ހޯދައި ފިޔަވަޅު އެޅުމަށް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ހަމަޖެހިފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ހައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ފަށާފައިވާ މި އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބޮޑެތި ރަށްރަށަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.