ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1)ގެ "ކޮވެލި ލައުންޖް" ހުޅުވައިފިއެވެ.
އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ.
އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކޮށް, ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި "ޕޮޒިޓިވްކޮށް" ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަކީ ގައުމީ ވަރަށް ބޮޑު ޖިހާދެއްގެ ގޮތުގައި ސައީދު ސިފަކުރެއްވިއެވެ.
ވީއައިއޭ ޓާމިނަލް 1 ގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު ތަނެކެވެ. އެމްއޭސީއެލްއިން މައުލޫމާތުދީފައިވާ ގޮތުގައި އެ ތަނުން އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވާކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް އެ ލައުންޖުގައި ހިމެނެއެވެ.