އައްޑޫ ލާމަރުކަޒު ކުރާނެ ގޮތް ނިންމާނީ އެ ސިޓީގެ ރައްޔިތުން ކަމަށާއި އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އައްޑޫ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑޫގެ ބައެއް ރަށްރަށުން އެގޮތަށް އެދިފައިވާތީ ކަމަށެވެ. މި ވޯޓު ވެގެން ދާނީ ވަރަށް ތާރީހީ ވޯޓަކަށް ކަމަށާއި މި ވޯޓު ވެގެން ދާނީ މިކަމާ ގުޅޭ ގާނުނުގެ ދަށުން ނަގާ ފުރަތަމަ ވޯޓު ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި އައްޑޫ ސިޓީ އެއް ކައުންސިލެއްގެ ބެލުމުގެ ދަށުން ހިންގުމާ މެދު އެ ސިޓީގެ އެކި ރަށްތަކުގެ ހިޔާލު ތަފާތުވުންތަކެއް ހުރި ކަން ރައީސް ފާހަގަކުރެއްވިއެވެ. ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ އައްޑޫ ސިޓީގެ ބައެއް ރަށްރަށް ގުޅިފައިވީ ނަމަވެސް އެ އަތޮޅު ހުޅުދޫ އާއި މީދޫ އޮންނަނީ ވަކިންނެވެ. އެހެންކަމުން އެއް ހަމައަކުން ކައުންސިލްގެ ހިދުމަތް ހޯދުމުގައި ބައެއް ރަށްރަށް ތަފާތު ކުރާ ކަުގެ ޝަކުވާ ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ކަމާމެދު ރައްޔިތުން ބޭނުންވާ ގޮތެއް ނިންމުމަށް، އެކަމުގައި އައްޑޫގެ ހުރިހާ ރަށްތަކުގައި ފެންނަ ނުފެއްނަ ވޯޓެއް ނަގަން މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކުރިން، މިކަމާމެދު ގޮތެއް ނިންމަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އޮކްޓޯބަރު މަހު ވޯޓެއް ނަގައި ލިބޭ ނަތީޖާއާމެދު ސަރުކާރުން ގޮތެއް ނިންމާ އިލެކްޝަން ކޮމިޝަނަށް ހުށައަޅަން ޖެހޭ ކަމަށް ަރއީސް ވިދާލުވިއެވެ. ލޯކަލް ކައުންސިލް އިންތިހާހުގެ ކަންކަން ކުރިއަށް ގެންދެވޭނީ މި ވޯޓަށް ފަހު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިހާ ބޮޑު ނިންމުމެއް ރައްޔިތުންގެ ހިޔާލަށް ނާހާ ނުނިންމާނެ ކަމަށާއި މިފަދަ ވޯޓެއްގެ ސަބަބުން އައްޑޫގެ ކައުންސިލްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވީ އިއްޔެއެވެ. އާންމުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާން ކުރާ އެ ގާނޫނުގަައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާއި، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ކަމަށް ބަޔާންކޮށްފައި ވެއެވެ.