ޕާކިސްތާނު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "އާބީރު ގުލާލް" އިންޑިއާގައި ރިލީޒްކުރުމަށް ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޭރު ގައުމުތަކުގައި މި ފިލްމު ރިލީޒްކޮށްފައިވާއިރު އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުންތަކާއި ގުޅިގެން އިންޑިއާގައި މި ފިލްމު ރިލީޒްކުރާ ތާރިހުވަނީ ފަސްކޮށްފައެވެ. އިންޑިއާގެ ޓީމެއް ކަމަށްވާ އިންޑިއަން ސްޓޯރީސް ލިމިޓެޑް (ޔޫކޭ) އިން މި މަހުގެ 26 ވަނަ ދުވަހު ސިނާމަގައި މި ފިލްމު ދައްކަން ތައްޔާރުވަމުން އަންނައިރު އެންމެ ފުރަތަމަ މި ފިލްމު ރިލީޒްކުރުމަށް ނިންމި ތާރިހަކީ މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހެވެ. އެހެންނަމަވެސް އިންޑިއާގެ ފިލްމީ ފެޑެރޭޝަންތަކުން ފާޅުގައި ފިލްމު ނެރުމާ ދެކޮޅު ހެދުމާއި ގުޅިގެން ފިލްމު ރިލީޒްކުރާ ތާރިހު ވަނީ ފަސްކޮށްފައެވެ.
އަބީރު ގުލާލް އަކީ އާޓީ އެސް ބަގްދީ ޑައިރެކްޓްކޮށް ވިވެކް އަގްރަވާލް ޕްރޮޑިއުސްކޮށްފައިވާ، ހީވެސް ނުކުރާ ގުޅުންތަކާއި، ދެވަނަ ފުރުސަތުތަކާއި، ލޯތްބަށް ޖާގަ ހޯދަން ކުރާ މަސައްކަތް ދައްކުވައިދޭ ރޮމޭންޓިކް ކޮމެޑީއެކެވެ. ފަވާދު ހާންގެ އިތުރުން ވާނީ ކަޕޫރާއި ރިދީ ޑޮގްރާ ފެނިގެންދާ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ފިލްމު ޕްރޮޑެކްޝަން ޓީމުން ވަނީ ބުނެފައެވެ.
މިހާތަނަށް ފިލްމު އިންޑިއާގައި ރިލީޒްކުރުމާ ބެހޭގޮތުން ފިލްމުގެ ރަސްމީ އިންސްޓަގްރާމްގައި ވެސް ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު އަދި މިހާތަނަށް އިންޑިއާގެ ފިލްމު ފެޑޭރޭޝަންއިންވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.