ރާއްޖެއަށް ދިމާވާ އެކިއެކި ކާރިސާތަކަށް ތައްޔާރުވެ، އެފަދަ ހާލަތްތަކުން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހި ސަރުކާރަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެއްޖެ އެވެ.

މާލޭގައި ހުންނަ ޖައިކާގެ އޮފީހުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ އެޖެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރަށް ދޭން އެއްބަސްވެފައިވަނީ 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެވެ. މިއީ ކާރިސާތަކަށް ތައްޔާރުވެ، އެފަދަ ހާލަތްތަކުން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށް ދެވުނު ހިލޭ އެހީއެއް ކަމަށް ޖައިކާއިން ބުނެއެވެ.

މި އެހީގެ ދަށުން ކުރުމަށް ނިންމާފައިވާ ކަންކަމަކީ:

  • ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުން
  • ކަނޑުތޮށި ވަރުގަދަކުރުން
  • އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުން ހިމެނެއެވެ.
ޖައިކާއިން ރާއްޖެއަށް ދިން އެހީގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއެކު މިއަދު ސޮއިކުރަނީ

ޖަޕާނަކީ މިފަދަ ހިލޭ އެހީތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި ހިމެނޭ އެއް ގައުމެވެ. އެގޮތުން ހުސްވި އަހަރުވެސް މާލޭގެ ބޭރު ތޮށި މަރާމާތު ކުރުމަށާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް ޖަޕާނު ސަރުކާރުން ވަނީ 140،000 ޑޮލަރު ދިނުމަށް ނިންމާފައެވެ.

އަދި ހަމަ އެހެންމެ އެއްގަމު ތޮށި އަޕްގްރޭޑްކުރުމަށް ސާވޭތަކެއް ކުރަން ޕްލޭނިން މިނިސްޓްރީން ވަނީ 2022 ވަނަ އަހަރު ވެސް ޖަޕާނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ އެކު ސޮއިކުރި އެ އެއްބަސްވުމުގެ ބޭނުމަކީ މާލޭގެ އެއްގަމު ތޮއްޓާއި މާލޭގެ ފެން ހިންދާ ނިޒާމު އަޕްގްރޭޑްކުރަން ސާވޭތަކެއް ކުރުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ.