ނޭޕާލްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހޫނުވެ ވެރިރަށް ކަތަމަންޑޫގައި ހުންނަ ސަރުކާރުގެ އިމާރާތްތަކާ ވަޒީރުންގެ ގެތަކުގައި ރޯކޮށް ބައެއް މިނިސްޓަރުންނަށް ހަމަލާތައް ދޭން ފަށައިފިއެވެ.

ކޮރަޕްޝާނާ އިޖްތިމާއީ ނާއިންސާފާ ދެކޮޅަށް ނޭޕާލްގައި ކުރަން ފެށި މުޒާހަރާތައް ވަރުގަދަ ހަމަނުޖެހުންތަކަަކަށް ބަދަލުވެފައިވާ އިރު މުޒާހަރާގެ ބައިވެރިން މިއަދު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ހުންނަ އިމާރާތުގައި ރޯކޮށްލާފައެވެ. މީގެ އިތުރުން މިއަދު މަގާމުން އިސްތިއުފާ ދެއްވި ކޭޕީ ޝަރްމާ އޯލީގެ ގެއާ، އެހެން ވަޒީރުންނާ އޮފިޝަލުންގެ ގެތަކުގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ ރޯކޮށްލާފައެވެ.

ހަމަނުޖެހުންތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނަށް ހަމަލާތައް ދީ ހަދާފައިވާ ކަމަށް ވެސް ނޭޕާލްގެ ރިޕޯޓްތައް ބުނެއެވެ. މިގޮތުން، މިހާރުގެ ފިނޭންސް މިނިސްޓަރު ބިޝްނު ޕްރަސާދް ޕައުޑަލް ފަހާ މުޒާހަރާގެ ބައިވެރިން ދުވެފައި ގޮސް އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.

ނޭޕާލްގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގެ ސަބަބުން އެގައުމުގެ ވެރިރަށް ކަތަމަންޑޫގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވެސް ވަނީ ބަންދުކޮށްފައެވެ.

ކޮރަޕްޝަނާ އިޖްތިމާއީ ނާއިންސާފާ ދެކޮޅަށް ފުރަތަމަ ފެށި މުޒާހަރާތައް ހޫނުވީ ނޭޕާލްގެ ސަރުކާރުން އެގައުމުގައި ސޯޝަލް މީޑިއާ ސައިޓްތައް މަނާކުރުމާ ގުޅިގެންނެވެ. ނޭޕާލް ސަރުކާރުން ބުނީ އެގައުމުގައި ސޯޝަލް މީޑިއާ ސައިޓްތައް މަނާ ކުރީ އެސައިޓްތައް ހިންގާ ކުންފުނިތަކުން ނޭޕާލް ސަރުކާރުގައި ރަޖިސްޓާވާން ދެކޮޅު ހެދުމުން ކަމަށެވެ.

އިއްޔެގެ ވަރުގަދަ ހަމަނުޖެހުންތަކަށް ފަހު ސަރުކާރުން މިއަދު ވަނީ ސޯޝަލް މީޑިއާ ސައިޓްތަކަށް އަލުން ވަދަވޭ ގޮތަށް ހުޅުވާލާފައެވެ.