ނޭޕާލުގައި ސޯޝަލްމީޑިއާގެ ޕްލެތްފޯމްތައް މަނާކުރުމުން ޒުވާނުން މަގުތަކަށް ނިކުމެ ކުރަމުންދިޔަ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުން ހިނގައި، 19 މީހަކު މަރުވި ހާދިސާއަށް ފަހު ބޮޑުވަޒީރު ޚަދުޖާ ޕްރަސާދު ޝަރުމާ އޮލީ އިސްތިއުފާ ދެއްވައިފިއެވެ.

މުޒާހަރާ ކުރަމުން ދަނީ ޒުވާނުން ނުވަތަ 'ޖެން ޒީ' އެވެ. ގިނަ އަދަދެއްގެ ޒުވާނުން މަގުތަކަށް ނިކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލަމުން ދާ އިރު، ސިޔާސީ އެކިއެކި ފަރާތްތަކުގެ ގެދޮރަށް ގެއްލުން ދިނުމާއި އެންމެ ބޮޑު ސިޔާސީ ޕާޓީ، ނޭޕާލީ ކޮންގްރެސް ގެ އިމާރާތަށް ވެސް ވަނީ ގެއްލުން ދީފައެވެ.

މީގެ އިތުރުން ވެހިކަލްތަކުގައި ހުޅުޖެހުމާއި ބައެއް އެހެން އިމާރާތްތަކުގައި ވެސް އަލިފާން ރޯކޮށްފައި ވެއެވެ. އަދި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް އޮއްގަލާއި، ލަޓިބުރި ފަދަ ތަކެތި ބޭނުން ކޮށްފައި ވާ އިރު، ސަލާމަތީ ބާރުތަކުން ވަނީ، ކަރުނަ ގޭހާއި އެނޫންވެސް އާލާތްތައް ބޭނުންކޮށްފައެވެ.

ފޭސްބްކް، ޓްވިޓާ، ޔޫޓިއުބް، ޓިކްޓޮކް ފަދަ މަގުބޫލު އެތައް އެޕްތަކެއް މަނާ ކުރުމާއެކު ހިނގަމުންދާ ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެ މަޝްރަހު އިތުރަށް ހޫނުވާން ފެށުމުން ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ ސޯޝަލްމީޑިއާ އަލުން ބޭނުން ކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް ޒުވާނުންގެ މުޒާހަރާ ހުއްޓުމަކަށް ނާދެއެވެ.

ވެރިރަށް ކަތުމަންޑޫ އާއި އެނޫންވެސް ސިޓީތަކަަށް މުޒާހަރާ ފެތުރިފައިވާ އިރު ކޮންގްރެސް ޕާޓީގެ ރައީސް ރާމަޗަންދްރަ ޕައުދޭލްގެ ގެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގެއްލުން ދީފައެވެ.

ނޭޕާލްގެ މިހާތަލާ ގުޅޭގޮތުން ވާހަކަ ދެއްކި ތަޖުރިބާކާރު ބައެއް ފަރާތްތަކުން ބުނީ، ދުނިޔެއަށް ދިމާވެފައި ވާ އިންޓަނެޓުގެ ބްލޮކޭޑް ނުވަތަ އިންޓަނެޓްގެ ޒަރީއާއިން ލިބޭ ހިދުމަތްތައް ކޮންޓްރޯލް ކުރުމުގެ ސަގާފަތެއް ނޭޕާލުގައި ހިނގަމުން އަންނަތާ އަހަރެއް ވެފައި ވާކަމަށެވެ. އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަށް ނޭޕާލް ސަރުކާރުން އަމާޒު ކުރަމުން ދިޔަ މި ހާލަތު އެންމެފަހުން، ސޯޝަލްމީޑިއާގެ އެޕްތައް އާންމުކޮށް މަނާކުރުމުން ރައްޔިތުން އުތުރިއެރީ ކަމަށެވެ. މިއީ ޖެހިގެން އޮތް އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި ވެސް ތަޖުރިބާކުރަން ޖެހުނު ހާލަތެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި، އިންޓަނެޓުގެ ހިދުމަތް ނުވަތަ އެޕްތަކުގެ ހިދުމަތް ރެގިއުލޭޓް ކުރުމަކީ ކުރަން ޖެހޭ ކަމެއް ނަމަވެސް އެކަން ކުރަންވާނީ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ހަމަޖެހޭ ނިޒާމެއްގެ ތެރެއިންނެވެ.

ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވި އިރު ފެނާބެހޭ ވަޒީރު ޕަރްދީޕް ޔާދޭވް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ދާހިލީ ވަޒީރު ރަމޭޝް ލެކާކް އާއި އެގްރިކަލްޗާ މިނިސްޓަރު ރާމްނާތު އަދިކާރީ ވެސް ވަނީ އިސްތިއުފާ ދެއްވާފައި ކަމަށް ކަތަމަންޑޫ ޕޯސްޓް ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަނީ ބޮޑުވަޒީރު އޮލީ ގެ ސަރުކަރަކީ ހިޓްލަރު ފަދަ ސަރުކާރެއް ކަމަށާއި އިސްޔިއުފާ ދޭން ޖެހޭ ކަމަށެވެ. އިތުރަށް އެމީހުން ގޮވާލަނީ ކޮރަޕްޝަން ނިންމައި ހަމަޖެހުމާއެކު ރައްޔިތުންނަށް އުޅުމުގެ ފުރުސަތު ލިބޭނީ އޭރުން ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ކަތުމަންޑޫގެ ވައިގެ ބަނދަރުވެސް މިހާރުވަނީ ބަންދުކޮށްފައެވެ.