ނޭޕާލުގައި ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބު ހިމެނޭ ގޮތަށް 23 އެޕްލިކޭޝަނެއް ބޭންކޮށްފިއެވެ.
ނޭޕާލުގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތައް ބްލޮކް ކުރުމަށް ނިންމާފައިވަނީ އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީސް ގައި ހުރިހާ ސޯޝަލް މީޑިއާ ޕްލެޓް ފޯމުތަކެއް ރަޖިސްޓާ ކުރުމަށް ދިން 7 ދުވަހުގެ މުހުލަތު ހަމަވި އިރު، ރަޖިސްޓްރީކޮށްފައި ނުވާ އެޕްލިކޭޝަންތައް ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ނޭޕާލުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ފޭސްބުކް، އެކްސް. ޔޫޓިއުބު، ޕިންޓްރެސްޓް، ލިންކްއިން، އިންސްޓަގްރާމް، ސްނެޕްޗެޓްގެ އިތުރުން ވަޓްސްއެޕް ވަނީ ބޭންކޮށްފައެވެ.
ނޭޕަލު ސަރުކާރުން ބުނީ މި ނިންމުން ނިންމާފައިވަނީ 2023 ވަނަ އަހަރު ފާސްކޮށްފައިވާ މީޑިއާ ރެގިއުލޭޝަން ގަވައިދުގެ ދަށުންކަން ހާމަކޮށްފައެވެ. ނޭޕާލު ސަރުކާރުން ބުނީ މި ގަވައިދުގެ ދަށުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގައި ރަޖިސްޓްރީވެ، ތިން މަސް ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ތިން އަހަރަކުން އެއް އަހަރު ލައިސަންސް އާކޮށް އަދި ނޭޕާލްގައި، އެ ޕްލެޓްފޯމެއްގެ ލޯކަލް ރެޕްރެޒެންޓޭޓިވް އައްޔަން ކުރަން ޖެހޭކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެޕްލިކޭޝަންތައް ބޭންކޮށްފައިވާއިރު ނޭޕާލްގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ޕްރިތުވީ ސުއްބާ ގުރޫންގް ވިދާޅުވީ އެޕްލިކޭޝަންތައް ބޭންކުރުމާއި ގުޅިގެން ބައެއް ކުންފުނިތަކުން ގުޅަމުން އަންނަކަމަށެވެ. ނޭޕާލުގެ ޓެލެކޮމިއުނިކޭޝަން އިދާރާއިން ބުނީ މިހާރު 'މެޓާ' އިންވެސް ރަޖިސްޓްރީވުމަށް މެއިލްކޮށް މި މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ސާފުކުރުމަށް އިތުރު ކުންފުނިތަކުންވެސް މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޕްރިތުވީ ސުއްބާ ގުރޫންގް ވިދާޅުވީ ނޭޕާލު ސަރުކާރުން ތަކުރާރުކޮށް އެދުނު ނަމަވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ރަޖިސްޓްރީކުރުމަށް ކުންފުނިތަކުން ފަރުވާ ކުޑަކޮށްފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ މިހާރުވެސް ކުންފުނިތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ރަޖިސްޓްރީގެ ކަންތައްތައް ހަމަޖެހުމުން އަލުން ހުއްދަ ދޫކުރާނެކަމަށެވެ.
ނޭޕާލު ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނައިރު، މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.