މީޑިއާތަކާއި މީޑިއާތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރަން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކާ ގުޅޭ ހަބަރުތައް އެކި މީޑިއާތަކުން ގެނެސްދެމުންދާ މި ދަނޑިވަޅުގައި ފަލާހް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އަމަން އަމާންކަމާ ސުލްހައަށްލޯބިކޮށް ތެދު ހަބަރާ މައުލޫމާތު ހަގީގަތާއި އެއްގޮތަށް ގެނެސްދޭ ރައްޔިތުންގެ އިތުބާރުލިބިފައިވަނީ އެންމެ 4 ނޫހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއް ކަމެއް ފަލާހު ހާމަ ކުރައްވާފައި ނުވެއެވެ.
އަދި އެއްވެސް ބަލައިލުމެއް ނެތި ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނުބައިކަމެއް ކަމަށާއި އެކަމުގެ ސަބަބުން އާއިލާތައް ރޫޅި ކުށެއް ނެތް އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމަ އެހެންމެ، ފައިސާކޮޅެއް ދޭއިރަށް ފައިސާ ދޭ މީހާ ބުނާހާ ގޮތަކަށް ދޮގު ހަބަރު ނުލިޔެވިދާނެތީ މީޑިއާ ބިލް ކަމު ނުދަނީ ކަމަށް ވިދާޅުވެ ފަލާހު ވަނީ ވަރަށް ބޮޑަށް މީޑިއާ ތަކަށް ވިދާޅުވެފައެވެ. އަދި އެފަދައިން ނަގާ ފައިސާ އަކީ ހަލާލު ފައިސާއަށް ވާނެތޯ ވެސް ފަލާހު ސުވާލު އުފައްދާފައި ވެއެވެ.
މީގެ އިތުރުން ވެސް ފަލާހު ވަނީ މީޑިއާތަކާއި މީޑިއާތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރަން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުން ކިހިނެއްތޯ އައްސަވާފައެވެ.
ފަލާހު މިފަދައިން ވިދާޅުވިއިރު ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ވެސް އިއްޔެ ވަނީ މީޑިއާ ކޮމިޝަން ބިލު އަވަހަށް ފާސްކުރަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ. ނިޒާރު މިފަދައިން ގޮވާލެއްވީ މި ނިމުނު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު ފަސް މެންބަރަކު މާލީ ބަޔާން ހުށަނަޅާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމާއެކު އެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހު ހަމަވެފައިވާއިރު މަޖިލީހަށް މާލީ ބަޔާން ހުށަހެޅުއްވީ 93 މެންބަރުންގެ ތެރެއިން 88 މެންބަރުންނެވެ. ނިޒާރު ނުރުހުން ފާޅު ކުރެއްވިއިރު، އޭނާއަކީ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންގެ ތެރެއިން އެއްބޭފުޅާއެވެ.
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރަމުން ދާއިރު، އެ ބިލަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ އިތުރުން ނޫސްވެރިންގެ ހިޔާލު ހޯދަން އެ ކޮމެޓީއާށް ހާޒިރުކުރުމުން ވެސް އެ ހުރިހާ ފަރާތްތަކުން ވެސް ބުނެފައިވަނީ ބިލުގައި ނޫސްވެރިންގެ ހިމާޔަތުގައި އެއްވެސް ކަމެއް ނެތް ކަމަށާއި އެ ބިލު އޮތީ ރާއްޖޭގެ މިނިވަން މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެ ބިލު އަނބުރާ ގެންދަން ނުވަތަ ބޭރުކޮށްލަން އެދިފައިވެ އެވެ.