ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި ހަސަން ސާބިރު މިއަދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ސާބިރު އަވަހާރަވިއިރު ދިޔައީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވަމުންނެވެ. އަދި އެބޭފުޅާ އަވަހާރަވެފައިވަނީ މިއަދު ހެނދުނު 7:31 އެހާކަންހާއިރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ސާބިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ރަސްމީ އިއްޒަތުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސްއޮފީހުން ބުނީ ސާބިރުގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.
ފާހަގަކަކޮށްލެވޭ ގޮތުގައި ހަސަން ސާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައާއި ރާއްޖޭގެ އިގްތިސާދީ ދާއިރާ ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަގާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއެވެ. އަދި ހާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ސާބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. ސޯބިރަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ސާބިރު ވަނީ 1979 ވަނަ އަހަރުގެ އޮގަސްޓު މަހު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށްޓަކައި އެމެރިކާއަށް ވަޑައިގެންފައެވެ. އަދި އެ ދަތުރު ނިންމަވާލައްވާ ރާއްޖެ ވަޑައިގެން ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވާ، 1985 ވަނަ އަހަރުގެ ބޯހިމެނުމުގެ މަސައްކަތައް ތައްޔާރުވެވަޑައިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި ރާއްޖެ ގެނެވުނު ފުރަތަމަ ކޮމްޕިއުޓަރު ގެނެވުނީ މި މަސައްކަތައް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ސާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998 އިން 2004 އަށް ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އެބޭފުޅާ ވަނީ 1991 ގައި ޕްލޭނިން އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި 1993 ގައި ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އއ. އަތޮޅުގެ މެންބަރުކަން ކުރައްވުމުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް ސާބިރުގެ ހިއްސާ އޮތެވެ.
ސާބިރު އަވަހާރަވީއިރު އަނބިކަނބަލަކާއި ދެ ބޭފުޅުން ތިއްބަވައެވެ.