ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައްލަވާލައްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތައް ބައްލަވާލެއްވުމަށް މޯދީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ސަރުކާރުގެ އިސްވެރިން އަދި ކުރީގެ ބައެއް ރައީސުންނާއި ބޭރުގެ އިއްޒަތްތެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތްތަކުގައި ސްކޫލު ދަރިވަރުންގެ ހުށަހެޅުންތަކާއި ރާއްޖޭގެ ސަގާފީ ހުށަހެޅުންތައް ދައްކާލާފައިވެއެވެ. އަދި މާލޭގެ މަގުމަތީގައި ސިފައިން ހިނގާލުންވެސް ކުރިއަށް ގެންގޮސްފައިވާއިރު، މި ހިނގާލުން ފަށާފައިވަނީ ރައީސް އޮފީސް ކައިރިން، ވެލާނާގޭ ސަރަހައްދުންނެވެ.

ސިފައިންގެ ޕެރޭޑު ހަތަރު ސަރަހައްދަކަށް މަޑު ކުރަން ހަމަޖެހިފައިވާއިރު އެއީ، ދިވެހި ބަހުގެ އެކެޑެމީ ކުރިމަތި (ސޯސަން މަގު)، ޗާންދަނީ މަގު ޖަންކްޝަން (މަޖީދީ މަގު)، މިލިއަން ބުކްޝޮޕް ކައިރި (މަޖީދީ މަގު) އަދި ކަޅުތުއްކަލާ ކޮއްޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޯދީ އިއްޔެ ރާއްޖެ އަށް ވަޑައިގެންފައިވާއިރު މިއަދު އެ ދަތުރު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މޯދީގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މުއިއްޒުގެ އިތުރުން މޯދީ ވަނީ ރާއްޖޭގެ ގިނަ ސިޔާސީ އިސް ލީޑަރުންނާވެސް ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނެއެވެ.