ސިންގަޕޫރުން ރާއްޖެއަށް ބޯހިޔާވަހިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ހޯދުމާ ގުޅޭ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނާ ސޫ ކޮކް ލެން އާއި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، މަތީ ތައުލީމާއި، ސިއްހީ ހިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސް އާއި ސަފީރު ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި، އިގްތިސާދާ، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރުދެއްވައި އެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ބޯހިޔާވަހިކަމުގެ ސިނާއަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޔާދަކުރަނިވި ހަކަތައިން ހިންގާ، ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ހިޔާލު ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކުރައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.