ކުށުގެ ތުހުމަތުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން އެންމެ މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިންގް ސިސްޓަމެއް ނުވަތަ އެފަދަ މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫދެވޭ މީހުންނަށް ހެދުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް، މިހާރުވެސް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީސް އަދި ބަންޑާރަނައިބު (އޭ.ޖީ) އޮފީހާއި ހަވާލުކުރައްވާފައި ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މެދުގައި އެއިރެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަތުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ރައީސް ވިދާޅުވީ އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް، "ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ހައްލަކީ، މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމަށާއި، އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމުގައެވެ. އެގޮތުން މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަސީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުއީ ދާއިރާގެ ތެރެއިން ކުރައްވަންޖެހޭ ކަމެއް ކަމަށާ، މިކަންކަން ކުރުމަށް، މާތް ﷲގެ އިރާދަފުޅާއެކު، ޝަރުއީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން، ހުޅުމާލޭގައި ތަރައްގީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުއީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަންވެސް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައިއެވެ. މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވާނުވާ ބަންދު"ގައި މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި އެބަތިބި ކަމަށާ، މިފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމުކުރެވިގެން ދިއުމަކީ ރައީސްގެ މެނިފެސްޓޯގައިވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައި ވާ ކަމެކެވެ. މިވަގުތު ގާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ގޮތެއްގައި، ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރުވެސް ކުރިއަށް ދާ ކަމަށެވެ.

ކުށުގެ ތުހުމަތުގައި މީހަކު ބަހައްޓާފައި ހުންނަ ތަނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ތަނަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ބައެއް މީހުން މިވަގުތު ތިބި ތަންތަނުގެ ހާލަތު ދަށްކަމަށާއި، އިންސާނީ ކަރަމާތްވެސް ހިމާޔަތް ކުރެވޭނެ ހާލަތު، އެތަންތަނުގައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ސީރިއަސްކަމާއެކު ބައްލަވާނެ މައްސަލައެއް ކަމަށާ، ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ އުތުރުތިލަފަޅުގައި ތަރައްގީކުރައްވާ، މި ސަރަހައްދުގެ އެންމެ ބޮޑު "ކޮމްޕޮސިޓް" ޖަލުގެ މަޝްރޫއަށް އަލިއަޅުވާލައްވާފައެވެ. މި ޖަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ރަނގަޅު ހާލަތެއްގައި ތަރައްގީ ކުރެވިގެންދާނެ ޖަލެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ މިމަޝްރޫއަށް ވުނޭރުން ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށާ، މިއީ ދުރުރާސްތާ ހައްލެއް ކަމުގައި ވީ ނަމަވެސް، މި މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ވާނުވާ ބަންދު"ގައި މީހުން ބޭތިއްބުމުގެ މައްސަލައަށް މިހާރުން މިހާރަށް ހޯދެންހުރި އައްލުތައް ހޯއްދެވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެ އިތުރުން ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށްވެސް، ޕީޖީ އޮފީހަށް އަންގަވާފައި ވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު މި ރާއްޖޭގައި އޮތީ އަގުބޮޑު ކަފާލާތުގެ ނިޒާމެއް ކަމަށާ، އެ ގާބިލުކަން ހުރި ފަރާތްތަކަށް އެ ފުރުސަތު އޮތް ކަމުގައި ވީ ނަމަވެސް އެ ފުރުސަތު އޮންނަނީ ބޮޑެތި ނޫން ކުށްތަކަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ފަދަ ގޮތްގޮތަށް ދެވޭ ލުއިތަކުގައި، ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ހާއްސަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް ލުއިދެވޭނެ ގޮތެއް ނޯންނާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުން، ނުވަތަ "ވާނުވާ ބަންދު"ގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިކަމާއި ގުޅޭ ދެ ފޯރަމެއް މިއަހަރުވެސް ވަނީ ކުރިއަށް ގެންދަވާފައެވެ. ފުރަތަމަ ފޯރަމް ހާއްސަކުރެއްވީ ޝަރުއީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދެވީ ޝަރުއީ ދާއިރާއަށް އަމާޒުކުރައްވައިގެންނެވެ.