ހުރިހާ ސްކޫލްތަކެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނަށް ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ މިއަދު ކުރިއަށް ގެންދިޔަ ތިން ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކްލާސް ރޫމް ހޫނު ގަދަވުން ކަަމަށެވެ. އެގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިއަހަރުތެރޭ ހުރިހާ ސްކޫލްތަކެއްގައި ހުރި ކްލާސް ރޫމްތައް އޭސީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ސްކޫލްތަކުގެ ހޯލްތައް ވެސް އޭސީ ކުރުމަކީ ވެސް ކުރައްވާނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. މިވަގުތު ރާއްޖޭގައި ހުރި ސްކޫލްތަކުގައި ޖުމްލަ 3604 ކްލާސްރޫމް އެބަހުރި ކަމަށާއި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކްލާސް ރޫމްތައް އޭސީ ކުރާ އިރު، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިވަގުތު ވެސް ބައެއް ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީ ކުރުމަށް ބެލެނިވެރިން ހޭދަ ކުރަންޖެހޭ ޖެހުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ބެލެނިވެރިން އުފުއްލަވަން ޖެހިވަޑައިގަންނަވާ ބުރައެއް ނޫން ކަމަށެވެ. ނަމަވެސް ސްކޫލްތަކުގައި ބެލެނިވެރިންގެ މުޖުތަމައުގައި ބައެއް ބެލެނިވެރިން މިފަދަ ހޭދަތައް ކުރާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭސީ ކުރުމަކީ ބެލެނިވެރިންނަށް ހޭދަކުރަން ޖެހޭ ކަމަކަށް ނުހައްދަވާނެ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ޕޮޑްކާސްޓަގައި ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ސްކޫލްތަކުގެ ކިޔެވުން 6 މަސް ދުވަސް ފަސްވެގެން ދިއުމުން ދަރިވަރުންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަވައިދެއްވުމަށް ކުރެއްވި މަސައްކަތަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ކޮންމެ އަހަރެއްގެ ކިޔަވާ ދުވަސްތައް ކުރިއަށް ޖައްސަވައި މަންހަޖުގައި ހާސިލް ކުރަންޖެހޭ ކަންކަން ވެސް ދަރިވަރުންނަށް ހާސިލްކޮށް ދެމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު އަންނަ އަހަރު ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބަދަލާ އެކު ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުވެގެން ދާނެ ކަމަށާއި އަދި އަހަރު މެދު ތެރެއިން ވެސް ދެ ޓަމް ދެމެދުގައި ލިބޭ ޗުއްޓީއެއް ވެސް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޗުއްޓީ ބޮޑު ޗުއްޓީ ހާ ދިގު ނުވިއަސް މިއީ ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބެލެނިވެރިންނަށް ދަރިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ޗުއްޓީއަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް މިދިޔަ މަހުގެ 27 ވަނަ ދުވުހު ގެނެސްދީފައިވާ އިރު ދެވަނަ އެޕިސޯޑް ގެނެސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.