ކޮންމެ ގައުމެއްގެ ކުރިއެެރުމާއި ތަރައްގީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސްގެ ރަސްމީ "އެކްސް" އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ސަރުކާރުން މައިންނާއި ކުޑަކުދިންގެ ސިއްހަތު ރަނގަޅުކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، މިއަހަރުގެ ތީމް "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗާޒް" ކަށަވަރުކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތްކުރައްވާނޭ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކޮންމެ ގައުމެއްގެ ކުރިއެެރުމާއި ތަރައްގީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމާއި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ކޮންމެ މަޔަކީ، ގާއިމްކުރެވިފައިވާ ސިއްހީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ހިދުމަތްތެރީންގެ ހިދުމަތްލިބޭ މައެއްކަން ކަށަވަރުކުރެވިފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުއިއްޔާ، ޖަމާއަތްތަކާއި ވަކިވަކި ފަރުދުުންގެ އެހީތެރިކަމުގައި ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫއުތަކެއް ރާއްޖޭގައި ހިންގިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، މިފަދަ ހިދުމަތްތައް ދިނުމުގައި ހެލްްތް ކެއާ ވޯކަރުން އަދާކޮށްފައިވާ ދައުރަށް އެމަނިކުފާނު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ޕްރައިމަރީ ހެލްތު ކެއާ، ޔުނިވާސަލް ހެލްތު ކަވަރޭޖް އަދި ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމުގައި ވިދާޅުވިއެވެ. އަދި، އޭގެ ސަބަބުން، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ކަށަވަރުކުރެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދުޅަހެޔޮ ދިރިއުޅުމަކަށް، ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސް ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ގެއްލުންވާ އަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެއެވެ. އަދި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ މަންމައަކާއި ދަރިއަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމައެއް އުފެއްދުމަށްޓަކައި، ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.