ތާރާގެ ފޯނު ރިންގްވާން ފެށުމުން އެ އަންނަނީ އާތިފްގެ ކޯލެއް ކަމަށްބުނެ ތާރާ އެ ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ދޮރު ލެއްޕުމުން އިކާނަށް ބަލާލެވުނީ އެނދުގައި ނިދާފައި އޮތް ޒުމްރާގެ މޫނަށެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން އައިސް އެނދުގެ ކައިރިއަށް ހުއްޓުނު އިރުވެސް އިކާންގެ ކަޅި ޒުމްރާގެ މޫނުން ވަކިވެގެން ނުދެއެވެ. ޒުމްރާގެ ލޮލުގައި އަޅާފައިވާ އަނދުންތައް ލޯ ކައިރިއަށް ފޭދިފައި ވާއިރު އޭނާގެ މޫނުމަތި ފޮއްސިވެފައިވާކަން ފާހަގަވެއެވެ.

އެނދުކައިރީ ހުރި ގޮނޑީގައި އިށީންނަން އިކާން އެނބުރިލީ ވަގުތު އިކާންގެ އަތުގައި ފިނި އަތަކުން ހިފާލުމުން ބަލާލެވުނީ ޒުމްރާގެ މޫނާ ދިމާއަށެވެ. އޭރު އިކާންގެ އަތުގައި ހިފަހައްޓައިގެން އޮތް ޒުމްރާގެ ދެލޯ އަމާޒުވެފައި ވަނީ އިކާންގެ މޫނަށެވެ. މަޑުމަޑުން ތުންފަތް ހަރަކާތްކޮށްލުމުން ޒުމްރާގެ ގާތަށް އިކާން ޖެހިލީ ޒުމްރާ ކިޔާ އެއްޗެއް ސާފުކޮށް އިވޭތޯއެވެ.

"އިކާން.. ޕްލީސް.. އަހަރެން ދޫކޮށް ނުލާ.. އިކާނާ ނުލާ އަހަންނަށް ނޫޅެވޭނެ ކަން ހަމަ ރަނގަޅަށް އިނގޭނެ.. ޕްލީސް.. އަހަރެން މަރު ވެދާނެ.. އަހަރެން ބޭނުމީ އިކާން... މަށަށް ކަމެއް ކޮށްދެންޏާ އަހަރެންނަށް ތިހެން ނުހަދާ... އާތިފް އަހަރެން ބޭނުން ނުވާކަން އަހަންނަށް ޔަގީން... އަހަންނަށް އުފާވެރި ދިރުޅުމެއް ފެންނަން އޮތީ ހަމައެކަނި އިކާނާ އެކީގަ... ޕްލީސް އިކާން... ޕްލީސް..." ޒުމްރާގެ އާދޭހުގެ އަޑު ޖެހުމާ އެކީ އިކާނަށް ދަތްކުނި ވިކާލެވުނެވެ.

ޒުމްރާ އެ އޮތީ ހަމައިގައި ބާއޭ އިކާންގެ ހިތަށް އެރިއެވެ. ޒުމްރާ ދެކެ ލޯބިވެގެން އިކާން އާދޭސްކުރި އަދަދުގެ އެންމެ މިންވަރެއް ވެސް ޒުމްރާގެ ހަނދާނުގައި ނެތީ ހެއްޔެވެ. އިކާނާ ދިމާއަށް ޒުމްރާ ބުނި ބަސްތައް ހަނދާން ނެތުނީ ހެއްޔެވެ. ކޮންމެ ގޮތެއް ވިޔަސް ޒުމްރާއާ އެކީ ކުރިން ބޭއްވުނު ފަދަ ގުޅުމަށް ބާއްވައިގެން އެ ގުޅުން ކުރިޔަށް ގެންދާކަށް އިކާން ބޭނުމެއް ނޫނެވެ.

އިކާން ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ޒުމްރާގެ ކަންފަތަށް ވާސިލްވާނެހެން ބޭރުކުރަން ބޭނުންވި ނަމަވެސް އެ ވާހަކަތައް ބޭރު ކުރެވޭ ހާ ހިތްވަރެއް އިކާންގެ ގަޔަކު ނެތެވެ. އިކާންގެ ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ.

ހުއްޓުމެއް ނެތިި ޒުމްރާ އާދޭސް ކުރަމުން ދިޔައިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެ ކޮޓަރިއަށް މިވަގުތު ތާރާ ވަދެއްޖިއްޔާ ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ވަގުތާއި ހާލަތާ މެދު ވިސްނުމަށްފަހު އިކާން ބޭނުންވީ ޒުމްރާއަށް ވިސްނައިދީގެން އޭނާ ހަމައަކަށް އަޅުވާށެވެ.

"ޒުމް... މިހާރަކު ނޫން ތި ވާހަކަ ދައްކާނީ... މިހާރު ޒުމް ތިއޮތީ ބަލިވެފަ.. ރަނގަޅުވީމަ ތިކަމާ އަހަރެމެން ވާހަކަ ދައްކާނީ... މިވަގުތު ޒުމް އަރާމްކޮށްލާ... ދެން އެކަމާ އެހާބޮޑަށް ނުވިސްނާތި..." ހިތާ ދެކޮޅަށް ޒުމްރާގެ އަތުގައި ފިރުމާލަމުން ޒުމްރާއަށް ވިސްނައިދެވޭތޯ އިކާން މަސައްކަތް ކުރިއެވެ. ދެލޯ ފޮހެލުމަށްފަހު ޒުމްރާ ބޯޖަހާލީ ބަސްއަހާ ކުއްޖެއް ފަދައިންނެވެ.

އިކާންގެ ފަރާތުން ލިބުނު ޖަވާބަކީ ޒުމްރާގެ ބަސްނާހާ ހިތަށް ލިބުނު ހިތްވަރެކެވެ. ތާރާއާ އެކީ ޒުމްރާމެން ގޭގައި މަސައްކަތް ކުރާ މީހަކު އެ ކޮޓަރިއަށް ވަނުމުން އިކާން އެނދު ކައިރިން ދުރަށް ޖެހިލިއެވެ. އެމީހާ ގެނައި ކޮތަޅުގައި އޮތް ހެދުން ނެގުމަށްފަހު ޒުމްރާގެ ހެދުން ބަދަލުކުރަން އުޅޭ ވާހަކަ ބުނުމުން އިކާން އެކޮަޓަރިން ބޭރަށް ނުކުންނަން ހިނގައިގަތީ ޒުމްރާގެ މޫނަށް ބަލާލަމުންނެވެ. ޒުމްރާއާ އެކީ އެކަހެރިކޮށް ތާރާ ހުންނަން ޖެހުމުން އިކާން ޖެހިލުންވިއެވެ. ޒުމްރާ ކުޅެލާނެ ޑްރާމާއަކާ ދޭތެރޭ އިކާނަށް ވިސްނާ ފިކުރު ކުރެވުނެވެ.

*** *** *** *** *** ***

ދުވަސްތައް މާޒީއާ އެކުވަމުން ދިޔަ އިރު އިކާންގެ ދިރިއުޅުމަށް ޒުމްރާގެ ސަބަބުން އެތައް ނޭދެވޭ އަސަރެއް ފޯރު ކުރަމުން ދިޔަ ނަމަވެސް އެ ހުރިހާ ކަމަކަށް އިކާން އައީ ކެތްތެރިވަމުންނެވެ. ރިސޯޓްތަކުން އިކާނަށް ލިބެމުން އައި ޝޯވްތައް ކެންސަލްވެ އެކި ކަހަލަ ހުރަސްތަކާ ކުރިމަތި ލަމުން އިކާން ދިޔައީ އޭނާގެ އެކުވެރި ފިޒާމްގެ އެހީތެރި ކަމާ އެކީގައެވެ.

"އިކާން... ޒުމްރާއާ ބައްދަލު ނުކޮށް ތިހެން ހުއްޓާ އިކާންގެ ދުވަސް އޭނާ ދުއްވާލާނެ... އަހަންނަށް ފެންނަނީ ތާރާއާ ތި ވާހަކަ ދައްކަން..." ފިޒާމްއަށް ފެންނަ ގޮތް ހާމަ ކުރުމުން އިކާން އޭނާގެ ނިތްކުރީގައި ހިފަހައްޓާލިއެވެ.

"ފިޒާމް... އަހަރެން ކިހިނެއް މިވާހަކަ ތާރާ ގާތު ބުނާނީ... ތާރާއަކީ ނުލާހިކު ރަނގަޅު ސޯލިހު ކުއްޖެއް.. އޭނާއަށް މި ހުރިހާ ކަމެއް އެނގި ހުރެ އަހަރެން ފިރިއެއް ގޮތަށް ބަލައިގަންނާނެތަ؟... އަހަރެން ތާރާ ދެކެ ވަރަށް ލޯބިވޭ.. ތާރާގެ ގައިގާ އެހުންނަ މާތް ސިފަތަކަކީ އަހަރެން ވަރަށް ލޯބި ކުރާ ސިފަތަކެއް.. މަދު އަންހެން ކުއްޖެއްގެ ކިބައިން ނޫނީ މިޒަމާނުގަ އެކަހަލަ ސިފަތަކެއް ނުފެންނާނެ... މިވާހަކަ ތާރާއާ ދައްކައިގެން އަހަރެންނަށް ތާރާ ގެއްލިދާނެތީ ބިރުގަނޭ... އަހަންނަށް ފެންނަނީ މިހާރުވެސް ކަންތައް ކުރަމުން މިދާ ގޮތަށް ކުރިއަށް ގެންދަން... އިގްނޯ ކުރީމަ ވީނު.. ޒުމްރާއަކަށް ޕަބްލިކާ ހަމަޔަށް މިކަންތައް ގެންނާކަށް ނުކެރޭނެކަން މަށަށް ގެރެންޓީ..." ފުން ވިސްނުމެއްގައި އިނުމަށްފަހު އިކާނަށް ފެންނަ އެންމެ ރަނގަޅު ގޮތް އޭނާ ހިއްސާކޮށްލުމަށްފަހު ސިނގިރޭޓެއް ނަގާ ރޯކޮށްލިއެވެ.

"މިކަންތައް ނިމިގެންދާ އިރު އިކާންގެ ކެރިއާރ ހަލާކު ވާނީ... މިހާރު ވެސް އިކާނަށް ލިބޭ ރެކޯޑިންގްތައް ވެސް މަދުވަމުން މިދަނީ... އޭރުން ނޯ..." ފުން ނޭވާއެއް ބޭރުކޮށްލަމުން ފިޒާމް މަސައްކަތް ކުރީ ވަމުންދާ ގޮތް އިކާންގެ ކުރިމައްޗަށް ގެންނާށެވެ.

"އަހަންނަށް ތިއިން އެއްވެސް ކަމެއް ނޭނގެނީކީ ނޫން... ކެރިއަރ ހަލާކުވިޔަސް ވަރިހަމަ... އަހަރެންގެ ލައިފުން ތާރާ ގެއްލޭކަށް ބޭނުމެއް ނޫން... ދެން ދަނީ... ތާރާ ބުނި މިރޭ އަށެއް ޖަހާއިރު ޑިނާރ އަކަށް ދާ ވާހަކަ... ފަހުން ގުޅާނަން..." އަޅިކެނޑި ތެރެއަށް ސިނގިރޭޓް ބުރި ނިއްވާލުމަށްފަހު އިކާން އަވަސްވެގަތީ ގެއަށް ދާށެވެ.

*** *** *** *** *** ***

ސިޓިންގް ރޫމް ސޯފާގައި މަޑުކޮށްގެން އިކާން އިނީ ތާރާގެ އިންތިޒާރުގައެވެ. ހަމަޖެހިގެން ފޯނުން ލަވައެއް ޖަހައިގެން އިން އިކާންގެ ފޯނަށް ޒުމްރާ ގުޅަން ފެށުމުން އިކާންގެ ނިތައް ރޫ ގިނަ ކޮށްލިއެވެ. ޒުމްރާ ކިތަންމެ ވަރަކަށް ބައްދަލުކުރަން އެދުނަސް އިކާން ނޫން ބުނެ ކޮންމެވެސް އުޒުރެއް ދައްކަމުން ދިޔައީ ޒުމްރާއާ ބައްދަލުކުރަން ބޭނުން ނުވާތީއެވެ. ޒުމްރާގެ ކޯލަށް ޖާވާބު ދޭން ފޯނު ކަންފަތުގައި ޖަހާލަމުން އިކާން ހަލޯ އޭ ބުނެލީ ފޫހި ގޮތަކަށެވެ.

"އިކާން.. ހިނގާ މީޓްކޮށްލަން.. އަހަރެން ވަރަށް މިސް ވޭ... އިކާން ޕްލީސް ހިނގާބަލަ... ކޮން ދުވަހެއް މީޓް ނުކުރާތާ؟..." އާދޭހުގެ ރާގަކަށް ޒުމްރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

"މިއަދު ތަ؟... އަޅެ.. މިއަދު ވަރަށް ބިޒީ..." އިކާން މަސައްކަތް ކުރީ ބަހަނާއެއް ދައްކައިގެން އެފޯނު އަވަހަށް ކަނޑާލާށެވެ.

"މާދަމާ ރޭ އަހަރެން ލަންކާއަށް ފުރަން މި އުޅެނީ.. ފުރުމުގެ ކުރިން މީޓްކޮށްލެވޭނެތަ؟... އިކާން ބުނީމަ އަހަރެން ކިހާ ދުވަހެއް ވަންދެން މަޑުން ހުރެފިން... އަނެއްކޮޅުން އާތިފް ވެސް މާލޭގަ އުޅޭތީ އަހަރެން އެވަރަށް ނުކިޔަން ދޯ މީޓް ކުރަން ހިނގާށޭ ވެސް... ޕްލީސް... ބަލައްޗޭ މިރޭ ޓައިމްއެއް ވޭތޯ... އިނގޭ.. ބާއި...އައިމް ވެއިޓިންގް.." ޒުމްރާ ވާހަކަ ދައްކަދައްކަ ހުއްޓާ އިކާން އެފޯނު ކަނޑާލީ އިކާންގެ މޫޑު ޚަރާބުވެ ރުޅިގަދަ ވެދާނެތީއެވެ.

"އިކާން... އައިމް ރެޑީ.. ވަރަށް ލަސްވެއްޖެ ދޯ..." ކޮޓަރީގެ ދޮރު ހުޅުވާފަ ބޭރަށް ނިކުތް ތާރާ ވާހަކަ ދެއްކީ ސޯފާގައި ލެނގިލައިގެން ފޯނަށް ބަލަން އިން އިކާނަށް ގޮވާލަމުންނެވެ. ތާރާއާ ދިމާއަށް ބަލާލަމުން އިކާން ހަމަޖެހެން މަސައްކަތް ކުރިއެވެ. ވިލު ނޫކުލައިގެ ގަމީހަކާ ކަޅުކުލައިގެ ޖިންސެއްގައި ތާރާ ހުރި އިރު އެނާ ވަރަށް ވެސް ފުރިހަމައެވެ. ފަރި ހިނގުމެއްގައި އައިސް އިކާންގެ އަތުގައި ހިފާލަމުން ތާރާ ހިނިތުންވެލިއެވެ.

"ހިނގާ ދާން... ހާދަ މީރު ވަސްދުވާ ސެންޓެއް ޖަހައިގެން..." ސޯފާއިން ތެދުވަމުން ތާރާއާ އިކާން ގާތްވެލަމުން ކޮލުގައި ބޮސްދިނެވެ. "މީ އަބަދުވެސް ތާރާ ޖަހާ ޕަރފިއުމެއްނު.. އިކާން އަބަދުވެސް ތިހެން ބުނާނީ..." އިކާންގެ އަތުގައި ހިފައިގެން ތާރާ މަޑު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

"ކޮންތާކަށް ދާން މި އުޅެނީ؟..." ދޮރުން ނުކުމެ ލިފްޓާހަމައަށް އާދެވުމުން އިކާން ސުވާލުކޮށްލިއެވެ.

"ހިނގާބަލަ ދާން... ދިޔައިމަ އިނގޭނެއްނު..." ތާރާ މިހެން ބުނެ އިކާންގެ އަތުގައި ހިފާ ފިތާލިއެވެ.

އެރޭގެ ހާއްސަ ކެއުމަށް ރިޒަވޭޝަން ހައްދާފައިވާ ރެސްޓޯރަންޓަކީ މާލޭގައި ހުރިއެންމެ ފެންވަރު ރަނގަޅު އެއް ރެސްޓޯރަންޓެވެ. އެތަނަށް ދެވުމުން އިކާނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އިހްސާސް ވަމުން ދިޔައެވެ. ވަށައިގެން ވާ ގޮނޑިތަކަށް އިކާން ބަލަމުން ދިޔައީ އެތަނުގައި ޒުމްރާ ހުރެދާނެތީއެވެ. ކެއުމަށް އިންސާފް ކުރަމުން ދިޔައިރު ދިރިއުޅުމާ ބެހޭގޮތުން އެކި ކަހަލަ ވާހަކަތައް ތާރާ ދައްކަމުން ދިޔައެވެ. އެ ވާހަކަތަކަށް އިކާންގެ ސަމާލުކަން ނެތްކަން ތާރާއަށް އެނގުނެވެ.

ފަހަކަށް އައިސް އިކާންގެ ފަރާތުން މިފަދަ އެތައް ކަމެއް ތާރާއަށް ފާހަގަވި ނަމަވެސް އެކަންކަމާ ބެހޭގޮތުން ޝަކުވާ ކުރުމަކީ ތާރާ ކުރާކަމެއް ނޫނެވެ. އިކާންގެ ކެރިއާގައި ދިމާވަމުންދާ ހުރަސްތަކުގެ ވާހަކަތައް އިކާން ހިއްސާ ނުކުރިއަސް އެއީ ތާރާއަށް އިނގޭ ކަންކަމެވެ.

- ނުނިމޭ -