ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް އިތުުރު 8 ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ސަުކާރު ހިއްސާވާ 3 ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހު އެއްބަސްވެފައިވާ ފަހުމުނާމައާ އެއްގޮތަށް މި މަހުގެ 15 ވަނަ ދުވަހު ވަނީ ފުލުހުންގެ މަރުކަޒު އަޅަން ފެނަކަ ކޯޕަރޭޝަން އަށް 40 ރަށެއް ހަވާލުކޮށްފައެވެ. އާރްޑީސީއަށް ފުލުހުންގެ މަރުކަޒު އަޅަން 20 ރަށެއް ހަވާލުކޮށްފައިވާ އިރު އެމްޓީސީސީއަށް ވަނީ 15 ރަށެއް ހަވާލުކޮށްފައެެވެ.
މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، މި މަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އިތުރު 6 ރަށުގައި އަދި ފެނަކަ ކޯޕަރޭޝަނަށް އިތުުރު 1 ރަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް އިތުރު ް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
އެގޮތުން ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއެކު މި މަޝްރޫއުގެ ދަށުން މިހާރު އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއެކު ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވޭނެއެވެ.
މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހްމަދު ސައުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެމްޑީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށް ދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެއެވެ. މީގެ އިތުރުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީ ކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމު ކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުން ވެސް ހިމެނެއެވެ.