ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ސާންތީ ނިޔާވީ ރޭގެ ވަގުތެއްގައެވެ. ސާންތީ ނިޔާވުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކީން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަހުރުވެރިވާ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.

"މި ހިތާމައިގެ ވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަދި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން. މަރުހޫމް އިހްސާން އަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިއުމަތާ މައްފިރަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން!" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

2023 ވަނަ އަހަރު ތެރޭގައި ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ސާންތީ ހުރުމަށް ފަހު އެ މަގާމުން އޭނާ ވަކިވެފައި ވަނީ ބަލި ހާލަތު ގޯސްވުމުންނެވެ.