އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ކުރީގެ ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ޝަމްއާން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ، ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯތަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގަިއ ބުނެފައި ވަނީ، މިހާތަނަށް ބެލިބެލުމުން، ބިދޭސީން ހޯދައި ޑިޓެންޝަން ސެންޓަރަށް ގެންދިޔުމުގެ މަސައްކަތް ކުރާ ޓާސްކްފޯހުގެ މުވައްޒަފުންނާއި ރިސްކް މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން ފިޔަވައި އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރިކަން އެނގިފައިވާ ކަމަށެވެ. އަދި އެ ފާސްކުރި ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާ އެކު ގެންގޮސްފައިވާ ކަމަށާއި، އެ ތަނުން 530،000 ރުފިޔާއާ އެކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސިއަކު އޭގެ ދުވަހެއް ފަހުން ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައި ވާކަން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަން ސެންޓަރުން ދޫކޮށްލި ބިދޭސީ މީހާ އާ ބައްދަލުކޮށްފައިވާ ކަމަށާއި އެ މީހާގެ އަތުގައި ހުރި ފައިސާތައް ހިފައިގެން މިއަދާ ހަމައަށް ޝަމްއާންގެ ގެއަށް އެ މުވައްޒަފުން ވަދެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ޝަމްއާންގެ ގެ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ފުލުހުން ޝަމްއާންގެ ގެއިން ގެން ދިޔައީ ކިހާ އަދަދެއްގެ ފައިސާ ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.