ބިދޭސީއެއްގެ އަތުން 530،000ރ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ބިދޭސީން ހޯދައި ޑިޓެންޝަން ސެންޓަރަށް ގެންދިޔުމުގެ މަސައްކަތް ކުރާ ޓާސްކްފޯހުގެ މުވައްޒަފުންނާއި ރިސްކް މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން ފިޔަވައި އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރިކަން އެނގިފައިވާ ކަމަށެވެ.
އަދި އެ ފާސްކުރި ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާ އެކު ގެންގޮސްފައިވާ ކަމަށާއި، އެ ތަނުން 530،000ރ އާ އެކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސިއަކު އޭގެ ދުވަހެއް ފަހުން ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައި ވާކަން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި:
- އެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަން ސެންޓަރުން ދޫކޮށްލި ބިދޭސީ މީހާ އާ ބައްދަލުކޮށްފައިވޭ
- އެ މީހާގެ އަތުގައި ހުރި ފައިސާތައް ހިފައިގެން މިއަދާ ހަމައަށް ޝަމްއާންގެ ގެއަށް އެ މުވައްޒަފުން ވަދެފައިވޭ
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ޝަމްއާންގެ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވާ ކަން ވެސް ފުލުހުން ބުންޏެވެ.
އެކަމަކު ޝަމްއާންގެ ގެއިން ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ފުލުހުން ހާމައެއް ނުކުރިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން ކޮޮންޓްރޯލަރުގެ މަގާމަށް ޝަމްއާން އައްޔަން ކުރެއްވީ ނޮވެމްބަރު 19، 2023 ގައެވެ. އެ މަގާމުން ޝަމްއާން ވަކި ކުރުމަށް ފަހު ކޮންޓްރޯލާ ޖެނެރަލްގެ މަގާމަށް ފުލުހުންގެ ކުރީގެ ކޮމިޝަނަރު އަހްމަދު ފަސީހް ވަނީ އައްޔަން ކޮށްފައެވެ.