އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަންދީ ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާތީ ކަންބޮޑުވުންފާޅުކޮށް، ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ކުށްވެރިކޮށްފިއެވެ.
ކެޕްސްއިން ނެރުނު ބަޔާނެއްގައި ބުނީ، މަންދީ ދެއްކި ވާހަކައެއްގެ ސަބަބުން މައުސޫމް ކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. މި ބަޔާނުގައި ބުނެފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް ކުދިންނަކީ ހާއްސަ އޯގާތެރިކަމެއް ދޭން ޖެހޭ ބައެއް ކަމަށް ކަނޑައަޅުއްވާފައިވާއިރު، އަދި ހަނގުރާމަތަކުގައި ވެސް ކުޑަކުދިން މެރުމަކީ ވެސް ކުށެއް ކަމުގައިވީ ހިނދު އޭގެން ވެސް ހާމަކޮށްދޭ ކަމަކީ ކުދިންގެ ކަރާމާތަށް މަތިވެރިވެގެންވާ އިސްލާމް ދީން ވެސް ބާރުއަޅުއްވާފައިވާ މިންވަރު ކަމަށެވެ.
މިހުރިހާ ކަމަކަށް ގޮންޖަހާ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، އެކުއްޖާއާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފް ވާހަކަތަކެއް އާންމު ތަނެއްގައި ފެތުރި ފެތުރުން ހަރުކަށި އިބާރާތުންވަނީ ކުށްވެރިކޮށްފައެވެ. އަދި މިފަދަ ކަންކަމަކީ ސީރިއަސް ކްރައިމްއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއްކަން ފާހަގަކޮށް މިއީ އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް މިފަދަ ބޮޑެތި ކުށްތައް އާންމު ވެގެންދާން ފުރުސަތު އޮތް ކަމެއްކަމުގައި ވަނީ ބުނެފައެެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ސިޔާސީ ވާދަވެރިކަމެއް ކިތަންމެ ބޮޑަށް އޮތް ނަމަވެސް އަދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ކިތަންމެ ފާޑުކީ ކަމުގައިވީނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދިންނާއި ގުޅޭ ގޮތުން އެފަދަ ވާހަކައެއް ދައްކާ، ކުދިންގެ ހައްގާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހައްމަލު ކުރެވޭނެ އަދި ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ. "މި ޖަމްމިއްޔާއިން މި ބަޔާން ނެރެނީ އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވީތީއެއް ނޫން. ނަމަވެސް އެބޭފުޅާއަކީ ވެސް ކުޑަކުއްޖެއް ކަމުގައިވެފައި އެބޭފުޅާގެ ވެސް ހައްގަކާއި އަބުރަކާއި އިއްޒަތަކާއި ކަރާމާތެއް ވާނެތީ" ބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމުގެ ސަބަބުން ނަފްސާނީ ގޮތުން މިހާދިސާ ރައްދުވާ ކުއްޖާއާއި އެކުއްޖާގެ އާއިލާއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ ސިޔާސީ ބޭނުމެއްގައި ކުށެއް ނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ، ކަރާމާތް ގެއްލުވާލި ކަމުގެ ކުށުގެ ދައުވާ މަންދި ޒުބައިރުގެ މައްޗަށް އުފުލުމަށް ގޮވާލާފައެވެ. މި މައްސަލައަކީ ސީރިއަސް ކްރައިމެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް ގޮވާލަމުން މި ބަޔާނުގައި ވަނީ ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް، އަވަހަށް ފޮނުވައިދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް އަށް ގޮވާލާފައެވެ.