"ތާރާ... ހާދަ ލޯތްބޭ...." އިކާން އެތެރެއަށް ވަންނަމުން ތާރާގެ ކޮލުގައި ހިފާލަމުން ނިތްކުރިއަށް ބޮސްދިނެވެ. އިކާންގެ ގައިން ދުވި މީރު ވަހުން ތާރާގެ ދެލޯ މެރުނެވެ.
މީހަކު ކަރުކެހެލި އަޑަށް ތާރާ ފަހަތަށް އެނބުރި ބަލާލީ އެތާ ތަހްމީނާ ހުރިކަމަށް ހީކޮށެވެ. ހަށަންބަނދެލައިގެން އެމީހުންނާ ދިމާއަށް ބަލަން ހުރީ އަޒްކާއެވެ.
"އިކާން... ދިޒް އިޒް މައި އެނޮއިންގް ސިސް... ބުނީމެއްނު އަޒުކީ... ދެޓްސް ހާރ..." އަޒްކާ ތައާރަފް ކޮށްދެމުން ތާރާ ހިނިގަނޑެއް ޖަހާލިއެވެ. ފެށުނީއްސުރެވެސް އަޒްކާއަށް ދިމާކޮށް ސަމާސާ ކުރުމަކީ ތާރާގެ އާދައެވެ. އެއީ ދެ ބައްޕައެއްގެ ދެކުދިން ކަމުގައި ވިޔަސް އެ ދެމެދުގައި ވަނީ ވަރަށް ގާތް ގުޅުމެކެވެ.
"ހަހް... ތާރުގަނޑު... މަމީ އަޒުކީއެއް ނޫން.. އިޓްސް އަޒްކާ... ހާއި އިކާން... އައި ލަވް ޔޯ ސޯންގްސް.... ޔޯ ވޮއިސް އިޒް ސޯ.. ސޯ..." ތާރާއާ ދިމާއަށް ހަރުކަށި އަޑަކުން ވާހަކަ ދައްކާލުމަށްފަހު އިކާންއާ މުޚާތަބުކޮށް އަޒްކާ ވާހަކަ ދެއްކީ ތުއި ރާގަކަށެވެ. ވާހަކަ ދައްކަމުން އައިސް އިކާން ކައިރިއަށް އަޒްކާ ހުއްޓުނެވެ.
"ލޭޑީ... ސްޓޮޕް ފްލާޓިންގް...." އިކާންގެ އަތުގައި ހިފައިގެން ސޯފާއާ ދިމާއަށް ހިނގައިގަންނަމުން އަޒްކާއާ ދިމާއަށް ތާރާ ލޯ އަޅާލިއެވެ. އެވަގުތު ތަހްމީނާ އެތެރެއިން ނިކުތީ އޭނާ އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުންނެވެ.
"އިކާން... ހާލު ކިހިނެއް؟.. އަވަހަށް އިށީނދޭ... ކަމްލާ... އަވަހަށް ސައިހަދާ..." އިށީންނަށް ސޯފާ ދައްކާލުމަށްފަހު ބަދިގެއާ ދިމާއަށް ބޯދިއްކޮށްލަމުން ތަހުމީނާ އެގޭގައި މަސައްކަތްކުރާ ކަމްލާއަށް ގޮވާލިއެވެ.
ތަހުމީނާގެ ހުންނަނީ ދެ އަންހެން ދަރިންނެވެ. ފުރަތަމަ ކައިވެނި ކުރީ ސިރާޖާ ކަމުގަ ވިޔަސް އެކައިވެނި ރޫޅުނު ފަހުން ތަހްމީނާ ދެވަނަ ކައިވެންޏެއް ކުރީ އާތިފްއާއެވެ. ތާރާއަކީ ސިރާޖްގެ ދަރިއެވެ. އަޒްކާއަކީ އާތިފްގެ ދަރިއެވެ. ސިރާޖާ އާތިފްއާ ދެމެދުގަ ރަނގަޅު ގުޅުމެއް ނެތަސް ކުދިންނަށް އެއްވެސް ކަމެއް އެ ދެ ބައްޕައިން އުނިވާނެ ފުރުސަތެއް ނުދެއެެވެ. އެކަމާ ތަހްމީނާ ވަރަށް އުފާ ކުރެއެވެ.
ބެލްކަނި ބޭރުގައި މަޑުކޮށްގެން ހުރި ސިރާޖަށް ގެއަށް އައިސް ވަތް މެހެމާނު ފެނުނެވެ. ބޯން އިން ސިނގިރޭޓް އަޅިކެނޑިއަށް ނިއްވާލުމަށްފަހު ބެލްކަނި ދޮރު ހުޅުވާލަމުން ސިރާޖް ނިކުމެގެން އައިސް ސިޓިންގްރޫމުގައި ތިބި އެންމެންގެ މޫނަށް ބަލާލިއެވެ.
"އިކާން... މީޓް މައި ޑޭޑް..." ތާރާގެ ބައްޕަ އިކާނަށް ތައާރަފް ކޮށްދިނެވެ. ސިރާޖް ހިނިތުންވެލަމުން އިކާނާ ސަލާމްކޮށްލުމަށްފަހު އިކާނާ ޖެހިގެން ކަހަލަގޮތަކަށް ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. "ސޯ.. ކޮން އިރަކަށް ތިކުދިން ނިންމަން ބޭނުންވަނީ؟... ތިކުދިންނަށް އެނގޭނީ... ބައްޕަމެންނަށް އޯކޭ ކޮންމެ ދުވަހެއް ވިޔަސް... ދޯ ތަހުމީނާ..."
ތަހުމީނާ މަޑުކުރަން ބޭނުންވީ އާތިފް އަންނަން ދެނެވެ. ނަމަވެސް އާތިފް ފޯނަކަށް ޖަވާބެއް ނުދެއެވެ. އާތިފް ނެތި ތާރާގެ ކައިވެނީގެ ވާހަކަ ދައްކަން ޖެހުމުން ތަހުމީނާ ވަރަށް ދެރަވިއެވެ. އާތިފްއަކީ ތާރާގެ ދޮންބައްޕަ ކަމުގައި ވިޔަސް ތާރާ ދެކެ އާތިފް އަމިއްލަ ދަރިއެއް ފަދައިން ލޯބިވެއެވެ.
ސީދާ މައުލޫއަށް ސިރާޖް ދިޔައީ އޭނާއަށް އެތާ ގިނައިރު މަޑު ކުރެވެން ނެތީމައެވެ. ކުއްލި ގޮތަކަށް ސިރާޖް އެވާހަކަ ދެއްކުމުން އިކާން ހާސްވާ ގޮތްވިއެވެ. ކަންތައްވީ އިކާން ހީކުރިގޮތާ މުޅިން ހިލާފަށެވެ. އިކާން ހީކުރީ ތާރާގެ މައިންބަފައިންނާ ބައްދަލުކުރަން އައި ފުރަތަމަ ދުވަހަށްވުމުން މިއަދު އެމީހުން އިކާނާ ވާހަކަ ދައްކާ އިކާނާ ބެހޭ މައުލޫމާތުތައް ހޯދާ އެކި ކަހަލަ ސުވާލުތައް ކުރާނެ ކަމަށެވެ.
އެ ސިޓިންގް ރޫމުގައި ތިބި އެންމެންގެ ކަޅި އަމާޒުވެފައި ވަނީ އިކާނާ ދިމާއަށެވެ. އިކާންގެ އަތުގައި ހިފާ ތާރާ ފިއްތާލިއެވެ. ތާރާއާ ދިމާއަށް އިކާން ބަލާލި އިރު ހިނިތުންވެފައި ތާރާ ބަލަން އިން ގޮތުން އިކާންގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި އިން ކަހަލައެވެ. ސިރާޖާ ކުރިމަތިލަމުން އިކާން ވާހަކަ ދައްކަން އަނގަހުޅުވާލި އިރު ނުތަނަވަސް ކަމެއް އޭނާގެ ހިތުގައި ވަނީ އަށަގެންފައެވެ.
"އަޅުގަނޑުގެ މަންމަމެން ވީ ސިންގަޕޯރގަ... މަންމަމެން މާލެ ދުރުވާނީ ދެތިން ދުވަސްތެރޭ... ސޯ... ތާރާ ބޭނުންވާ ގޮތެއް އަޅުގަނޑަށް އޯކޭ..."
އިކާންގެ ނިންމުން ހާމަކުރުމުން ތަހުމީނާ އާއި ސިރާޖް ބަލާލީ ތާރާގެ މޫނަށެވެ. އޭރު އެ ދޮން މޫނު ވަނީ ރަތްވެފައެވެ. އިސްޖަހާލަމުން ތާރާ ވާހަކަ ދެއްކީ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ. "ތާރާ ބޭނުމީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ހަމަޖައްސަން.... ސޯ އިކާންގެ މަންމަމެން އައިމަ... މި މަހުގެ 16 ކިހިނެއްވާނީ؟..." ތާރާ ބޭނުންވާ ދުވަސް ބުނެލިއެވެ.
ތާރާގެ ފަރާތުން އެހާ އަވަސް ތާރީޚެއް ބުނުމުން ހައިރާން ކަމާއެކު ތާރާއާ ދިމާއަށް އިކާން ބަލާލިއެވެ. އިކާން ބަލާލުމުން ތާރާ ރައްދުގައި ހިނިތުންވެލީ ލަދުރަކި ގޮތަކަށެވެ. ސިރާޖްމެން ބޭނުންވީ ތާރާ ލޯބިވާ ކުއްޖަކާ ކައިވެނި ކުރާށެވެ. ތާރާގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަތަކުން އިކާން ދެކެ ތާރާ ލޯބިވާ ކަން ހާމަވެއެވެ.
"އޯ ގޯޑް... ވީހޭވް 10 ޑޭސް ފޯރ ދިޒް ވެޑިންގް.... ކިހިނެއް ހުރިހާ ކަމެއް ޕްލޭން ކުރާނީ އެހާ ކުޑަ ދުވަސްކޮޅެއްގަ؟... ވުމަން ކާންޓް ޔޫ ވެއިޓް ފޯ ނެކްސްޓް އިޔަރ..." އަޒްކާ ބޭނުން ވަނީ ތާރާގެ ވެޑިންގް ވަރަށް ބޮޑުކޮށް ބާއްވާށެވެ. ތާރާ ބުނި ތާރީޚަކީ މާ އަވަސް ތާރީޚަކަށް ވުމުން އަޒްކާ ހުރީ ހިތްހަމަ ނުޖެހިފައެވެ. މޫނު ކުނިކޮށްގެން ތާރާއާ ދިމާއަށް ވަށްކަޅިން ބަލަން އިން އިރު އޭނާ އިނީ ހަށަން ބަނދެގެންނެވެ. އަޒްކާ އުޅޭ ގޮތުން އެންމެން ގާތަށް ހިނިއައެވެ.
"ވެއިޓް.... އައި ވޯންޓް ޔޫ އޯލް ޓު މީޓް މައި ޕޭރަންޓްސް..." އިކާން އޭނާގެ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. އެކޮޅުން ވާހަކަ ދެއްކީ އިކާންގެ ބައްޕައެވެ. ބައްޕަ ގާތު އިކާން އާއި ތާރާ ކުރިއަށް އޮތް ދިހަ ދުވަސްތެރޭ ކައިވެނި ކުރަން ނިންމި ކަމުގެ ޚަބަރު ދެމުން، ފޯނުގެ ވީޑިއޯ ކޯލް އޮން ކޮށްލަމުން ތާރާ ދައްކާލިއެވެ. ތާރާއާ ވާހަކަ ދެއްކުމަށްފަހު ތަހުމީނާއާ ސިރާޖް ވެސް އެކޯލަށް ވާހަކަ ދެއްކިއެވެ. އިކާންގެ މަންމަ ވެސް އެމީހުންނާ ވާހަކަ ދެއްކިއެވެ. އެއީ ވަރަށް ހިތްހެޔޮ ރަނގަޅު ބައެއްކަން އެނގުމުން ތަހްމީނާ ހުރީ ވަރަށް އުފަލުންނެވެ.
"މެޑަމް... ސައި ހެދިއްޖެ...." ފޯނު ކޯލް ނިންމާލުމަށްފަހު އެންމެން ވާހަކައިގަ ތިއްބާ ކަމްލާ ބޭރަށް ނިކުމެ ތަހްމީނާއަށް ގޮވާލަމުން ހަވީރުގެ ސައި ތައްޔާރު ވެއްޖެ ކަމަށް ބުނެލިއެވެ.
"އިކާން ހިނގާ ސައިބޯން..." ތަހުމީނާ ގޮނޑިން ތެދުވަމުން އިކާނަށް ސައިބޯން ދާން ދައުވަތު ދިނެވެ. އިކާނާ އެކީ ސިރާޖާއި އަޒްކާއާއި ތާރާ ވެސް ކާގެއާ ދިމާލަށް އަވަސް ވެގަތެވެ.
ކާމޭޒުމަތި ފުރާލާފައި ވަނީ ތަފާތު އެކި ވައްތަރުގެ ހެދިކާ ތަކުންނެވެ. އެންމެން އެކީގައި ސައިބޯން ތިބި އިރު ކައިވެންޏާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވުނެވެ. މިހުރިހާ ވާހަކަތަކެއް ދެކެވެމުން ދިޔަ އިރު އިކާންގެ ފަރާތުން އޭނާ ބޭނުންވާ ގޮތްތަކާ ފާޑުކިޔުން ނާންނާތީ ތާރާ އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އިކާންގެ އަތުގައި ފިރުމާލަމުން ތާރާ ސުވާލުކޮށްލިއެވެ. "ކިހިނެއްވީ؟... ހާދަ މަޑުން ތިއިންނަނީ... އަސްލު އިކާން ވަރަށް އަނގަ ގަދަވާނެ... ލަދުން އޭނީ..."
"އެހާ ލަދުގަންނަ އެއްޗެއް ނޫން.. މިހާރު ތީ މިގޭ ކުއްޖެކޭ..." ޕިއްޒާ ފޮއްޗެއްގައި ދަތް އަޅަމުން ސިރާޖު ބުނެލިއެވެ. އިކާން ވެސް އެހިސާބުން ކައިވެންޏާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި އޭނާގެ ހިޔާލު ދެމުން ދިޔައެވެ. އިކާންގެ ހުރިހާ ޖަވާބެއް ވެސް ގުޅިފައި ވަނީ ތާރާ ބޭނުންވާ ގޮތަށެވެ. އެކަމާ ތާރާ ވަރަށް އުފާވިއެވެ. އިކާންގެ ހިތްހެޔޮ ކަމާއި މީހުންނާ ގުޅޭ މިޒާޖު އެގޭ އެންމެންނަށް ވެސް ވަރަށް ކަމުދިޔައެވެ.
ސައިބޮއިގެން ސިޓިންގް ރޫމަށް ނުކުތް ވަގުތު އިކާންގެ ފޯނަށް ކޯލެއް އައެވެ. ފޯނު ނަގާ ސްކްރީނަށް ބަލާލިއިރު އެގުޅަނީ އެކްސްއޯ ޖަހާފައިވާ ނަންބަރުންނެވެ.
- ނުނިމޭ -