މި ފެށޭ ރަމަޟާން މަހު ދޮގު ހެދުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތަކާ ދުރުވެ، ރަމަޟާން މަހު އުޅުމަށް އަންނަ ހެޔޮ ބަދަލުތައް މުޅި އުމުރުގައި ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މާދަމާ ފެށޭ މި އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ ނިއުމަތާއި ރަހުމަތުން ފުރިގެންވާ މޫސުމެއް ކަމަށާއި، ރަމަޟާން މަހު އަޅުކަމަށް ސަމާލުކަން ދީ، އިހުސާންތެރިކަމާއި ކެތްތެރިކަމުގައި ދެމިހުރުމަކީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދެވޭ ތަރުބިއްޔަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮންމެ ރަމަޟާން މަހެއްގައި ވެސް ޔަގީންކުރަންވީ ކަމަކީ ދިވެހީންގެ ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ އިސްލާމްދީނާ ކަމަށާއި، ދިވެހީންނަށް މާތް ﷲ ދެއްވި ނިއުމަތްތަކާއި އަމާންކަމާއި ރަހުމަތުގެ ބޮޑުކަން ކަމަށެވެ. އަދި ލިބިފައިވާ ނިއުމަތްތަކުގެ މަތިން ހަނދާންކުރާއިރު އިސްލާމީ އުންމަތުގެ މަތިން ހަނދާންކުރުމަށާއި، ދަތި ހާލުގައި ދިރިއުޅެމުންދާ މުސްލިމް އަޚުންނާއި އުޚްތުންނަށް ހެޔޮ ދުއާކޮށްދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްތީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫން މުސްލިމް މުޖުތަމައުތަކާއި އާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމި ތިބޭންވާނެއެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، ރަމަޟާން މަހާއެކު އަހަރެމެންގެ އުޅުމަށް އަންނަ ހެޔޮ ބަދަލު މުޅި އުމުރުގައި ދެމެހެއްޓުމަށާއި، ދަރިންނަށާއި ކުޑަކުދިންނަށާއި ޒުވާނުންނަށް ރަނގަޅު ނަމޫނާ ދައްކައި ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހަކަށް ރަމަޟާން މަސް ހެދުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ދެން އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތީ:

  • ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އާދަތަކާ ދުރުހެލިވުމަށް
  • ދޮގާއި ފިތުނަ ފަތުރާ މީހުންނާ ދުރުވެ ރަނގަޅު މީހަކަށް ވުމަށް

"އިސްރާފުކުރުމާއި، ވަގުތުގެ ނިއުމަތް ބޭކާރުކުރުން ފަދަ ވަސްވާސްތަކާ ފެޔަށް ޖެހި، ފުދުންތެރި ދިރިއުޅުމެއް ހިޔާރުކޮށް، މާދަމާއަށްޓަކައި ދުނިޔަވީ އަދި އުހްރަވީ ގޮތުން މަންފާހުރި އެތައް ޢަމަލަކާއި ހެޔޮކަމެއް ގޮވާންކުރުމުގެ އާދަ މިމަހު ހިފަން ފަށާމާތޯއެވެ؟ ކޮންމެ ދިވެއްސަކީވެސް އާއިލާ ދެކެ ލޯބިވާ، އަވަށްޓެރީންނަށް ކަމޭހިތައި، ރަހްމަތްތެރިކަމުގެ ހައްގުތައް އަދާކުރާ އިހްސާންތެރިއަކަށްވުމުގެ މޮޓޯގައި މި މަހުން ފެށިގެން ހިފަހައްޓަމާތޯއެވެ؟"

ހިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުގެ ހިދުމަތްތައް ހަލުވިކޮށް، ކޮންމެ ރަމަޟާން މަހެއްގައި ވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ސަރުކާރުން ދައްކާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.