ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ގޮތުން ޖޮގިން އަށް ނުވަތަ ދުވަން ދިއުމަކީ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އަހަރެމެންގެ މި ދިވެހި މުޖުތަމައުގައިވެސް މިފަދައިން ކަސްރަތު ކުރާ މީހުން އުޅުމަކީ އުފާ ކުރަން ޖެހޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ގަވައިދުން ކަސްރަތު ކުރުމެވެ. ޖިސްމާނީ ގޮތުން ދުޅަހެޔޮ ވުމަކީ ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ވުމަށް ހުޅުވޭ ދޮރެކެވެ.
އެގޮތުން ށ. ފޯކައިދޫއަށް އުފަން އުމުރުން 27 އަހަރުގެ އުދައިޝާން ދުވަން ފެށީ ކަމަކާ ހާސްވެ ނުތަނަވަސްވާތީ ރައްޓެއްސަކު ދިން ލަފައެއްގެ ދަށުންނެވެ. އޭރު ބޮޑެތި މެރެތަންތައް ކާމިޔާބު ކަމާއެކު ނިންމާ މެރެތަން ދުވުންތެރިއަކަށް ވެވިދާނެ ކަމަކަށް އުދައިޝާން ހީވެސް ނުކުރެއެވެ.
އުދައިޝާން ކިޔައިދިން ގޮތުގައި އޭރު ދުވަން ފެށީ މެންޓަލް ހެލްތައް ނަމަވެސް މިއަދު ދުވުމަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ.
އެޑަމް ކޯޗު ދިން ހިޔާލެއްގެ ދަށުން އުދައިޝާންގެ ފުރަތަމަ މެރަތަން ދުބާއީގައި
ހދ. ކުޅުދުއްފުށީގައި ދިރިއުޅެމުންދާ އުދައިޝާން ދުވަން ފެށިފަހުން ކޮންމެ ދުވަހަކުވެސް ގަވައިދުން ދުވަން ދެއެވެ. ނަމަވެސް އޭރު މެރެތަންއެއްގައި ދުވުމުގެ ހިޔާލުވެސް ނުކުރެއެވެ. 2023 ވަނަ އަހަރުގެ ޖުލައި މަހު އައިރަނާސް ކުލަބުގެ ދުވުންތެރިންތަކެއް ކުޅުދުއްފުއްޓަށް ކުރި ދަތުރުވެގެން ދިޔައީ މެރެތަން ދުވުންތެރިއަކަށް އުދައިޝާން ވުމަށް ކޮށުނު އެންމެ ބޮޑު މަގަށެވެ.
އެ ކުލަބުގެ އެންމެ އިސް ދުވުންތެރިޔާ އެޑަމް ކޯޗާ ބައްދަލުވި ހިސާބުން މެރެތަން ޓްރެއިނިން ހަދާ މެރެތަން އެއްގައި ދުވެލަން ދިއުމުގެ ހިޔާލު އުދައިޝާން އަށް ދިނެވެ. އެއާއެކު އުދައިޝާން އާއި ކުޅުދުއްފުށިން އޭނާއާއެކު ދުވުމުގައި ބައިވެރިވާ ޓީމު، އައިރަނާސް ކުލަބާއި ގުޅި "ދުބާއީ މެރެތަން 2024" އަށް ދާން ނިންމިއެވެ. ދުބާއީ މެރަތަންއަށް ދާން މެރަތަން ޓްރެއިނިން އުދައިޝާންއާއި އޭނާގެ ޓީމުން ހެދީ ކުޅުދުއްފުށީގައި ތިބެގެން ކޯޗު ޝުޖާއުގެ އިރުޝާދުގެ ދަށުންނެވެ.
އައިރަނާސް ކުލަބުގައި މިވަގުތު އެންމެ ބާރަށް ދުވާ މެރަތަން ދުވުންތެރިޔާއަކީ އުދައިޝާން އަށް ވާއިރު އޭނާ ދުބާއި މެރަތަން ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ 3 ގަޑިއިރާއި 15 މިނެޓު 19 ސިކުންތުންނެވެ.
މިހާތަނަށް ފުލް މެރަތަން (42.2 ކިލޯމީޓަރު) އުދައިޝާން ދުވެފައިވަނީ ދެ ރޭހެއްގައެވެ. އެއީ ދުބާއީ މެރަތަން 2024 އާއި މިއަހަރު ބޭއްވި އެމްއެންޔޫ މެރަތަން 2025 އެވެ. އެމްއެންޔޫ މެރަތަން އުދައިޝާން ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ 3 ގަޑިއިރާއި 11 މިނެޓު 36 ސިކުންތުންނެވެ. މެރަތަންގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ދުވުން ތަކުގައި އުދައިޝާން ވަނީ ބައިވެރިވެފައެވެ. އުދައިޝާން ފާހަގަކުރާ ގޮތުގައި ކޯޗް ޝުޖާއުގެ ޓްރެއިނިންތަކާއެކު އުދައިޝާންއަށް މެރަތަންތަކުގައި ދުވުމަށް ވަނީ ފަސޭހަވެފައެވެ.
އެމްއެންޔޫ މެރަތަންގައި އުދައިޝާން 5 ވަނަ ހާސިލުކޮށްފައިވާއިރު ޓީއެފްޖީ ބޮޑު5 2023 ގެ ހާފް މެރަތަންގައި އުދައިޝާން ވަނީ 2 ވަނަ ހާސިލުކޮށްފައެވެ. މީގެއިތުރުން އެމްއެންޔޫއެސްޔޫ ބޮޑުތިލަދުންމަތި 10 ކިލޯމީޓަރު ސްޓެޕްސް 2024 ގެ 10 ކިލޯމީޓަރު ކެޓަގަރީ އިން އުދައިޝާން ވަނީ ފަހުރުވެރި 1 ވަނަ ހާސިލުކޮށްފައެވެ.
ސްޕީޑު ޓްރެއިނިން ހަދަން އެކަށީގެންވާ ޓެރެކެއް ކުޅުދުއްފުއްޓަކު ނެތް
މެރެތަންތަކުގައި ދުވާ ދުވުންތެރިއެއްގެ ހައިސިއްޔަތުން އުދައިޝާން އަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްޕީޑު ޓްރެއިނިން ހަދަން އެކަށީގެންވާ ޓެރެކެއް ކުޅުދުއްފުށީގައި ނެތުމެވެ. މީގެއިތުރުން އުދައިޝާން ފާހަގަކުރި ގޮތުގައި ޝިފްޓް ޑިއުޓީތައް ކުރަން ޖެހުމާއެކު ޓްރެއިނިން ހެދުމަށް ބޭނުންވާ ވަގުތުވެސް އެންމެ އެކަށީގެންވާ ވަރަށް ނުލިބެއެވެ.
ދިމާވާ އެތައް ގޮންޖެހުންތަކަކާއެކުވެސް އުދައިޝާންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ޑިއުޓީ ކިތަންމެ ބިޒީ ދުވަހަކުވެސް ޓްރެއިނިން ދޫކޮށްނުލާ ލިބެން ހުރި ވަސީލަތްތަކާއެކު ހުއްޓުމެއްނެތި ޓްރެއިނިންތައް ގެންދަނީ ފުރިހަމަ ކުރަމުންނެވެ.
އެއާއެކު އުދައިޝާން ބުނީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކުޅުދުއްފުށީގައި ސިންތެޓިކް ޓްރެކެއް ހެދި އުދައިޝާން ފަދައިން ޓްރެއިން ކުރާ ގިނަ އަދަދެއްގެ ބަޔަކަށް ފަސޭހަވެގެން ދިއުން ކަމަށެވެ.
މެރެތަންތަކުގައި ދުވަން ބޭނުންވާ ފަރާތްތަކަށް އުދައިޝާންގެ ހާއްސަ މެސެޖެއް
މެރެތަންތަކުގައި ދުވަން ބޭނުންވާ ފަރާތްތަކަށް އުދައިޝާން ދޭން ބޭނުންވާ ހާއްސަ މެސެޖެއް އެބައޮތެވެ. ފުރަތަމަ ކަމަކީ ޑިސިޕްލިން ރަނގަޅު ވުން ކަމުގައި އޭނާ ފާހަގަކުރާއިރު މެރަތަން ނޫނަސް ކޮންމެ ދުވުމެއްގައިވެސް ގަވައިދުން ޓްރެއިނިން ހެދުމުގެ މުހިންމުކަން އުދައިޝާން ފާހަގަކުރެއެވެ.
އުދައިޝާން ގަބޫލުކުރާ ގޮތުގައި މެރެތަންއެއްގައި ދުވުމަކީ ވަރަށް ހިތްވަރު ގަދަވުމުގެ އިތުރުން ވަރަށް ކެތްތެރިވެސް ވެގެން ކުރެވޭނެ ކަމެކެވެ. މިކަމުގައި އުޅޭއިރު އެކި މީހުންގެ ފަރާތުން ލިބޭނީ އެކި ކޮމެންޓުކަމަށާއި ނެގަޓިވް ކޮމެންޓުތަކަށް ރައްދު ނުދީ އެފަދަ ކަންކަން ދުރަށް ޖައްސާލުމަށްފަހު މުސްތަގުބަލައިގެން ކުރިއަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި އުދައިޝާން ބުނެއެވެ.
އުދައިޝާންގެ ނަސޭހަތަކީ ދުވަން ދާއިރުވެސް އައުރަ ނިވާވާވަރުގެ ހެދުން ލައިގެން ދިއުމުވެ. ކުރު ސޯޓު ލުމަކީ ވަކި ބާރަށް ދުވެވޭނެ ކަމެއް ކަމުގައި އުދައިޝާން ގަބޫލެއް ނުކުރެއެވެ.
އުދައިޝާންގެ އުންމީދަކީ ކުރިއަށް އޮތްތަނުގައި މިހާރު ދުވާ ވަރަށް ވުރެ ސްޕީޑު ރަނގަޅު ކުރުމެވެ. އުދައިޝާން ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ގައުމީ ފެންވަރުގެ ވަނަތައް ހޯދުމެވެ. އުދައިޝާންގެ މި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަމާއި ގިނަ ދުވަސްތަކެއް ނަގާނެ ކަން އޭނާ ގަބޫލުކުރެއެވެ.
މި ހިސާބަށް ވާސިލުމުގައި އުދައިޝާން އަށް އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް އުދައިޝާން ހިތުގެ އަޑިން ޝުކުރު އަދާކުރެއެވެ. އުދައިޝާންގެ ޝުކުރުގެ ލިސްޓު ދިގެވެ. އެންމެ ފުރަތަމަވެސް އުދައިޝާން ޝުކުރު އަދާކުރީ ހެއްދެވި ފަރާތަށެވެ. އެއަށްފަހު އަބަދުވެސް އުދައިޝާންގެ ކަންކަމުގައި ހިތްވަރު ދެމުން ގެންދާ އޭނާގެ މަންމައާއި އާއިލާގެ އިތުރުން އޭނާގެ އަންހެނުން އަޒޫގެ ނަން އުދައިޝާން ފާހަގަކުރެއެވެ.
މި ހިސާބަށް އައުމުގައި ރައްޓެހިންނާއި މެރަތަން ޓްރެއިނިންގައި އެހީވި ކޯޗު ޝުޖާއު އާއި ކޯޗު އެޑަމްގެ އިތުރުން އުދައިޝާން އާއެކު ކުޅުދުއްފުށީގައި ދުވާ ޓީމަށް އުދައިޝާންގެ ހިތުގައި އޮތީ ހާއްސަ ލޮތްބެކެވެ. އައިރަނާސް ކުލަބުގެ ސަޕޯޓާއި ނުލާ މި ހިސާބަށް ނާދެވުނީސްކަން ފާހަގަކޮށް އުދައިޝާން ވަނީ އެ ޓީމުގެ ހުރިހާ މެމްބަރުންގެ އިތުރުން އުދައިޝާން އާއެކު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެންމެން ހާއްސަކޮށް އައިސީސީޔޫ ޓީމްގެ އެހީތެރިކަން ފާހަގަކޮށްފައެވެ.
ކާމިޔާބު ދުވުންތެރިއެއްގެ އިތުރުން އުދައިޝާން އަކީ ރާއްޖޭގެ 6 ވަނަ ފިރިހެން ނަރުސް
އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވި އުދައިޝާންގެ ވިސްނުން ބަދަލުވީ ސުކޫލުވެސް ނިންމި ފަހުންނެވެ. އާއިލާގައި ދައްތައެއް ނަރުހަކަށް އުޅުން ވެގެން ދިޔައީ މިދާއިރާއިން ކުރިއަށް ދިއުމަށް އުދައިޝާންއަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ.
ލ. ގަމުގައި ނާސިންގެ އެޑްވާންސް ފުރިހަމަކުރުމަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރަން އުދައިޝާން ފެށީ 2015 ވަނަ އަހަރެވެ. އޭރު އުދައިޝާން އަކީ ދިވެހިރާއްޖޭގެ 6 ވަނަ ފިރިހެން ނަރުހެވެ.
ބެޗްލާސް އިން ނާސިން އާއެކު އުދައިޝާން އަކީ މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީސީޔޫގެ އިންޗާޖެވެ. ނާސިން ދާއިރާއަށް ވަންނަން ވާނީ އަމިއްލައަށް އެކަން ބޭނުންވެގެން ކަމަށާއި، މިކަމަށް ޝައުގުވެރިވެ ކުރާ ހިތްވާ ކަމުގައި ވާނަމަ ކަމަށް އުދައިޝާން ބުނެއެވެ. ޝިފްޓް ޑިއުޓީތަކުގައި ކޮންމެ ވަގުތަކުވެސް ހިދުމަތަށް ނުކުންނަން ޖެހިދާނެ ދާއިރާއެއްކަން ފާހަގަކުރަމުން އުދައިޝާން ބުނީ މި ދާއިރާގައި އުޅުމަށް އަހުލާގު ރަނގަޅު، ކެތްތެރި އަދި މީހުންނާ ރިވެތި ގޮތުގައި މުއާމަލާތުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.