ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ގެޒެޓްކުރި އެ އިއުލާނުގައި ބުނެފައިވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ފެބްރުއަރީ 18 ވަނަ ދުވަހު ހެނދުނު 9:00 އަށް އަދި ބިޑް ހުށަހެޅުމަށް ފެބްރުއަރީ 24 ވަނަ ދުވަހު ހެނދުނު 10:00 އަށް މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅުމަށެވެ.
ސިޓީ ކައުންސިލުން ވަނީ އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުނެފައެވެ.
ސީޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާނުކޮށްފައިވާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ސަލްޓަން ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި ހުރި ތަނެއްކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ އެ ތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުވެސް ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި 2 ތަން ވެސް ވީރާނާވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި 2 ތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ 2 ތަން ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މި 2 ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.