ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމް ކުރާ އުމްރާ ދަތުރުގެ ބައިވެރިން ފުރައިފިއެވެ.

މި ދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ސީއެޗްސީ، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ހަތީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވާފައިވާ އިސްލާމިކް ލީޑާޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއް ކަމަށެވެ. އަދި މި ދަތުރަކީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށް ކުރިއަށްދާނެ ސްޓަޑީ ޓުއާއެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ،

މި ދަތުރުގައި އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި ދިޔަ އަހަރު އިމާމުންނާއި ހަތީބުން، ސައުދީގެ އިތުރުން މިސްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކޮށްފައިވެއެވެ.