އިންޑިއާ އިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ދައުވަތަކަށް އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ މަޖިލީހުގެ ޖަލްސާ ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި އިންޑިއާގެ ރައްޔިތުން މަޖިލީހުގެ ރައީސް އޯމް ބިރްލާ ވަނީ އަބްދުއްރަހީމް އާއި ރާއްޖެއިން ދިޔަ ވަފުދަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލު ކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރާކަން ފާހަގަކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި މިކަމުގައި އިންޑިއާގެ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން އޯމް ބިރްލާ ދެއްވިއެވެ. ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އޯމް ބިރްލާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތާއި ތަސައްވުރު "ސަގަރް" ގައި ދިވެހިރާއްޖެ އަކީ ހާއްސަ ޖާގައެއް ލިބިގެންވާ ގައުމެއްކަން ތަކުރާރު ކުރެއްވިއެވެ.