ވަކި ބްރޭންޑެއްގެ ބޭހެއް އިސްކުރަން ޖެހިއްޖެ ނަމަ އެ ބްރޭންޑެއްގެ ބޭސް ލިޔެދިނުމަށް ޑޮކްޓަރުން އިސްކަންދޭނެ ކަމަށް މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.
ޑޮކްޓަރުން ބޭސް ސިޓީ ލިޔެދޭ ގޮތުން، ބައެއް ބޭސް ނުލިބޭ ކަމަށް ބުނެ ގިނަ ބައެއްގެ ޝަކުވާތައް އަންނައިރު، މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މަދު ހާލަތެއްގައި ނޫނީ ޑޮކްޓަރުން ބޭސް ސިޓީ ލިޔަމުން އަންނަނީ ބޭހުގެ އަސްލު ނަން ނުވަތަ ޖެނެރިކް ނަމުން ކަމަށެވެ. ނަމަވެސް ބޭހެއްގެ ވަކި ބްރޭންޑެއް އިސްކުރަން ޖެހިއްޖެނަމަ ޑޮކްޓަރު ބޭނުންވާ ބްރޭންޑުގެ ބޭސް ލިޔުމުގެ އިހުތިޔާރު ޑޮކްޓަރަށް ލިބިގެންވާ ކަމަށް މެޑިކަލް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ މިސާލަކަށް، ބޭނުންކުރަން ޖެހޭ ބޭހެއްގެ އެއް ބްރޭންޑަށް ބަލިމީހާ އެލާޖިކުވާ ނަމަ، އެ ބޭހުގެ އެހެން ބްރޭންޑެއް ލިޔުއްވާނެ ކަމަށެވެ އަދި ވަކި ބްރޭންޑެއްގެ އަސަރު ދެން ހުންނަ ބްރޭންޑުތަަކަށް ވުރެ ރަނގަޅު ކަމަށް ބެލެވޭ ނަމަ، އެ ބްރޭންޑެއް އިސްކުރުމުގެ ފުރިހަމަ އިހުތިޔާރު ޑޮކްޓަރަށް ލިބިގެންވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިތުރަށް އެ ބަޔާނުގައި ބުނީ ދިވެހިންނަށް ބޭސް ފޯރުކޮށްދިނުމަށް ސަރުކާރާއި އާސަންދަ ގުޅިގެން ކުރާ މަސައްކަތުގައި އެ ޖަމްއިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.