ވެރިކަމާ ހަވާލުވެ ގައުމާ މުހާތަބުކުރި ފުރަތަމަ ދުވަހު، ވީ އެންމެ ބޮޑު ވައުދަކީ، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދުކަމަށާއި މި ގައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ އަޒުމެއްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއުކުރެވޭނެ ވަރުގެ ގާބިލުކަން އުފައްދަން މި ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެމްއެންޑިއެފް ކޯސްޓްގާޑު ދެގުނަކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަަމަށެވެ. އަދި ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ގާއިމް ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރިއަށް ދާކަމަށެވެ. ކޯސްޓްގާޑްގެ ސްޕެޝަލް އޮޕަރޭޝަންތަކަށް 'ސްޕެޝަލް ބޯޓް ސްކޮޑްރަން' ނޮވެމްބަރު 3، 2024 ގައި އުފައްދާ ހިދުމަތަށް ނެރެފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވައިގެމަގުން ވެސް ގައުމު ދިފާއު ކުރެވެން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒަމާނީ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށްޓަކާ އެމްއެންޑީއެފް އެއާ ކޯ، މާޗް 15، 2024 ގައި އުފައްދާފައިވާ ކަމަށެވެ. އެއާއެކު، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ހިދުމަތް ފެށުމުން، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ހޯދިފައިވާކަމަށް ރައީސް ވިދާލުވިއެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހަރު ފަށާފައިވާކަަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިރިފުށީ ޓްރެއިނިން މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމާއެކު އިންސާނީ ގާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުގެ އަމަން އަމާންކަމާއި، ލޯ އެންޑް އޯޑަ ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ގެނެސްދިނުމުގައި ސަރުކާރުން ނުހަނު އިސްކަންދީގެން މަސައްކަތްކުރަމުން ދާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ނޮވެންބަރު 17، 2023 އިން ފެށިގެން މިއަދާ ހަމައަށް 27 ރަށުގައި ޕޮލިސް ސްޓޭޝަން ހުޅުވާފައިވާކަމަށެވެ. އަދި މިހާރު ފުލުހުންގެ ހިދުމަތް ގާއިމުވެފައިނުވާ 39 ރަށުގައި މިއަހަރު ފުލުހުންގެ ހިދުމަތް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިނުވާ އެއްވެސް ރަށެއް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 20 ރަށެއްގައި ގާއިމުކުރެވިފައިވާ ފުލުހުންގެ ހިދުމަތްދޭ ވަގުތީ ތަންތަނުގެ ބަދަލުގައި، ފުރިހަމަ ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މި ސަރުކާރުން ފަށާފައިވާ ބޮޑު މަސައްކަތުން ބޭނުންވާ ކެޕޭސިޓީ ދިވެހި ފުލުހުންގެ ހިދުމަތުގައި އިންސާނީ ވަސީލަތުގެ ގޮތުންނާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން މިއަހަރު އިތުރުކުރެވިގެންދާނެކަމަށެވެ.