ރާއްޖޭގެ އިގްތިސާދު ކުރިން އޮތް ހާލަތުން އަރައިގަނެ، ގައުމު ނުދަރާ ކުރިއަށްދިއުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސިފަކުރައްވައިފިއެވެ.
ރައީސް، މިހާރު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ރައީސްގެ ސަރުކާރަށް ވާރުތަވީ ވަރަށް ދަތި އުނދަގުލުގައި އޮތް އިގްތިސާދެއް ކަމަށެވެ. ނަމަވެސް އެ ހާލަތު ހަމަމަގަށް އަޅުވައި، ގައުމު ނުދަރާ މިހާރު ކުރިއަށްދާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއާއެކު އައު ކަންކަންވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. ދެން ގައުމު ދާނީ ހަމަޖެހުމުގެ ނޭވާއެއް ލައިގެން ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރާއި ބަލާއިރު މިހާރާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވިޔަފާރިތަކަށްވެސް ރާއްޖޭގެ އިގްތިސާދާ މެދު އިތުބާރު އުފެދިފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ރައީސަކީ ވަރަށް ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާ ކެތްތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ސައީދު ވިދާޅުވީ އެމަނިކުފާނު ކަންކަން ތަންފީޒުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނަށް އިތުބާރާއި ޔަގީންކަން އުފެދިފައިވަނީ އޭގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން ރާވާފައިވާ ކަންކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިއަހަރު ތެރޭގައި ހއ. އަދި ހދ ގައި ފަތުރުވެރިކަމުގައި އިތުރު އެނދުތައް ތަރައްގީކުރުން ކަމަށެވެ. އަދި ރައީސް ބޭނުންފުޅުވާ އަމާޒަށް ދިއުމަށް މަސައްކަތް ކުރުން ކަމަށާއި އެ އަތޮޅުގައި ގާއިމުކުރާ އިކޮނޮމިކް ގޭޓްވޭގެ މަސައްކަތުގެ ދަށުން މިއަހަރު ތެރޭގައި ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.