ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރު ކުރުމަށް އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާއެކު ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ކުރާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ފުލުހުންގެ ވަފުދެއް އިންޑިއާގެ ފުލުހުންގެ ތަމްރީނު މަރުކަޒުތަކަށް ޒިޔާރަތްކޮށްފި އެވެ.
މި ހިނގާ ޖެނިއަރީ މަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ވަފުދެއް ވަނީ އިންޑީއާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ދިވެހި ފުލުހުންގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެ ގައުމުގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުއައްސަސާތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބާ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް އެ ހިދުމަތުން ބުނެއެވެ.
އަދި ހަމައެހެންމެ މި ދަތުރުގައި ދިވެހި ފުލުހުން ވަފުދުން ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވާސިޓީ (އާރްއާރްޔޫ) ހިމެނެއެވެ. މި މުއައްސަސާތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެއެވެ.
މި އެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫއިން ދިވެހިރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅާފައި ވެއެވެ. އަދި އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްއްގީކުރުމަށް އެހީތެރިވުމަށް އެއްބަސްވެފައިވެއެވެ. އާރްއާރްޔޫއިން ވަނީ އެމްޕީއެސްގެ 5 އޮފިސަރުންނަށް ސްކޮލާޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށްވެސް އެއްބަސްވެފައެވެ.
މި އެއްބަސްވުންތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ފުލުހުން ބުނެއެވެ.