ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވާ ދަތުރުގައި, އިންޑިއާއިން ރާއްޖެއަށް އަސްކަރީ ސާމާނު ހަދިޔާ ކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި, ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ޔުޓިލިޓީ ހިދުމަތްތަކަށް ބޭނުންވާ އުޅަނދުތަކާއި ބޯޓުފަހަރު ޑޮކް ކުރަން ބޭނުންވާ އާލާތްތައް ހިމެނެއެވެ. މިތަކެތީގެ އަގު އިންޑިއާ ފައިސާއިން 35 ކްރޯޑް ރުޕީސް އަށް އަރާ ކަމަށް ވެސް ބުނެފައި ވެއެވެ. 35 ކްރޯޑް ރުޕީސް އަކީ އެމެރިކާ ޑޮލަރުން ބަލާނަމަ, 4 މިލިއަން ޑޮލަރެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވަނީ,, މިތަކެތި ރާއްޖެ އަށް ހަދިޔާ ކުރީ ދިވެހި ސަރުކާރުން އެދިގެން ކަމަށެވެ.

އިންޑިއާ އަކީ މީގެ ކުރިންވެސް އަސްކަރީ ގޮތުން ރާއްޖެއަށް އެހީވާ ގައުމެއް ކަމަށް ވާ އިރު, އިންޑިއާއިން ހަދިޔާ ކޮށްފައި އޮންނަ ޑޯނިއާ މަތިންދާބޯޓަކާއި 2 ހެލިކޮޕްޓަރު މިހާރުވެސް ރާއްޖޭގައި އޮވެއެވެ. މިތަކެތި ދުއްވުމުގެ ނަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް މިހާރުގެ ސަރުކާރު އިދިކޮޅުގައި އޮތް އިރު ކުރިން ވާހަކަ ދައްކައި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ކުރި ކެމްޕެއިނާއެކު އެމީހުން ވަނީ ފައިބައިގެން ގޮސްފައެވެ. ނަމަވެސް އެ އުޅަނދުތައް ރާއްޖޭގައި އޮތުމާއެކު އެތަކެތި ދުއްވާ ބެލެހެއްޓުމަށް ޔުނިފޯމް ނާޅާ މަދަނީންގެ ގޮތުގައި އާބަޔަކު އައިސްފައި ވާ އިރު, އެތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ މުއްދަތު މިއަހަރަށް ހަމަވާތީ މުއްދަތު އިތުރު ކުރަން ޣައްސާންގެ މިދަތުރުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާ އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރުން ރަސްމީ ވާހަކަތައް ބާއްވަވާފައި ވާ އިރު, ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގައުމުތަކުގެ ބޯޓުފަހަރު ވަނުމަށް ހުއްދަ ދިނުމުގައި ރާއްޖެއިން ގެންގުޅޭ މިންގަނޑުތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. މި މައުޝޫގައި އިންޑިއާ އިން ވަނީ ޗައިނާގެ އުޅަނދުތައް ވަނުމުގެ ހުއްދަ ދޭތީ އެކަން ފާހަގަ ކޮށްފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާ އަކީ ޗައިނާ އާ ވާދަ ކުރުމުގެ ރޫހުގައި އެކި ދާއިރާތަކުން މަސައްކަތް ކުރާ ގައުމެއް ކަމަށް ވާއިރު, ޗައިނާގެ ޖާސޫސީ އުޅަނދެއް ރާއްޖެއަށް ވަނުމަށް ދާދި ފަހުން ހުއްދަ ދޫކުރުމުން އިންޑިއާއިން ކަނޑޮބުވުން ފާޅުކުރިއެވެ. ނަމަވެސް ރާއްޖެއަކީ ޗައިނާއާ ވެސް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމުން, ރާއްޖެއިން އިސްކުރަނީ 'މޯލްޑިވްސް ފަސްޓް' ޕޮލިސީއެވެ. އެ ސިޔާސަތަކީ, ރާއްޖޭގެ އިސްތިގުލާމާއި މިނިވަން ކަމާ ނުބެހި ރާއްޖެއާއެކު މަސައްކަތް ކުރާ ކޮންމެ ގައުމަކާއެކު މަސައްކަތް ކުރުމުގެ ސިޔާސަތެކެވެ.

ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ދެގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި މައުލޫމާތު ބަދަލު ކުރުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އުތުރު ތިލަފަޅުގައި ހަދާ 'އެކަތަ' ހާބަރު މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިޔުމަށް އިންޑިއާ އިން ވަނީ ބާރުއަޅާފައެވެ. ޔޫޓީއެފް މަޝްރޫއަކީ އިންޑިއާއިން ރާއްޖޭގައި އިންވެސްޓް ކޮށްފައި ވާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

2021 ގައި ފެށި މި މަޝްރޫއު އަދި ވެސް ކުރިއަށް ދާއިރު, މި ބަނދަރަކީ އަސްކަރީ އުޅަނދު ފަހަރު ބަނދަރުކޮށް އެހެލައި މަރާމާތު ކުރެވޭ ގޮތަށް ތަރައްގީ ކުރާ ޑޮކެކެވެ.