ރާއްޖެ ނާދެވި ސައުދީގައި ތާށިވެފައި ތިބި ދިވެހި އުމްރާވެރިންނަށް އިސްލާމިކް މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން އެ ރައްޔިތުން އެނބުރި ގައުމަށް އައުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް މިނިސްޓްރީއިން ކުރާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެެ. އަދި މައްކާގައި ދަތި ހާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ހާލަތު ޝަހީމް ވަނީ ބައްލަވާލައްވާފައެވެ.

ޝަހީމް ވިދާޅުވީ އެބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުންދާކަން ޝަހީމް ވިދާޅުވިއެވެ.

ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އިސްލާމިކް މިނިސްޓްރީއިން ނުތިބޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ ނާދެވި މައްކާގައި ތިބީ އަލްހިޖްރަ ގްރޫޕުގެ ފަރާތުން އުމްރާއަށް ދިޔަ 24 އުމްރާވެރިންނެވެ. އެ ގްރޫޕުން ވިސާއަށް ހުށަހެޅުން ލަސްވުމުގެ ސަބަބުން ޑިސެމްބަރުމަހު އުމްރާވެރިންނަށް މައްކާއަށް ދެވިފައިވަނީ ވެސް ލަހުންނެވެ.