ގދ. ފިޔޯރީގައި ގާއިމްކުރާ މަސްކިރާ ފެކްޓަރީގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ.ފިޔޯރީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފިޔޯރީ ސްކޫލަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގެ އިތުރުން އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށް، ކުނި މެނޭޖްކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސައިދެއްވާނެކަމަށެވެ.

ފިޔޯރީ ރައްޔިތުންނަކީ ހިވާގި މަސައްކަތް ތެރި ބައެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިކަމަކީ އެ ރަށާއި އެ ސަރަހައްދަށްވެސް އެންމެ މުހިންމު ސިނާއަތްކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ފިޔޯރީގައި މަސްކިރާ ކާރުހާނާގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ޗައިނާގެ ކުންފުންޏަކާއި ގުޅިގެން ތައްޔާރުވަމުން އަންނަކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ ލަސްވެގެން އަންނަ ފެބްރުއަރީމަހު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ދެ މަސްތެރޭ ފެށިގެންދާއިރު މިއީ އެ ސަރަހައްދުގެ މަސްވެރިކަމަށް ލިބޭނެ ބޮޑު ކުރި އެރުމެއްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި މަސްކާރުހާނާގެ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ފިޔޯރީގައި ގާއިމްކުރާ މަސްކިރާ ކާރުހާނާގައިި 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭނެކަމަށެވެ. އަދި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖް ހުންނާނެކަމަށާއި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ސިނާއަތްކަމަށާއި، އެއީ ދިވެހި އެތައް އާއިލާއަކާއި ގުޅިފައިވާ ސިނާއަތެއްކަމަށެވެ.