ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުން ފާހަގަކުރުމަށް މިއަދު ހަވީރު އެއާ ޝޯއެއް ބޭއްވުމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ މި ޝޯ މިއަދު ހަވީރު 17:00 އާއި 17:30 ދެމެދު އޮންނާނެ ކަމަށާއި މި ވަގުތު ޑްރޯން ދުއްވުން މަނާ ވާނެ ކަމަށެވެ. މޯލްޑިވިއަން އިން ބުނީ މި ހަރަކާތް ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އަދި ފޭސްބުކް އިން ލައިވް ކުރާނެ ކަމަށެވެ.

މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް މި އަހަރު ޖެނުއަރީ މަހުގެ ކުރީކޮޅު ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ނޮވެމްބަރު މަހު، މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވައިޑް ބޮޑީ އެއާކްރާފްޓަކީ 275 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކޮށްފައިވާއިރު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓުތަކެވެ. މި މަތިންދާ ބޯޓުތަކުގައި ސީދާ 13،000 ކިލޯމީޓަރުގެ ދުރުމިނެއް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާއިރު މިއީ ހަނި ބޮޑީ މަތިންދާ ބޯޓަކަށްވުރެ ތިންގުނަ ބޮޑު މަތިންދާ ބޯޓެކެވެ.

މީގެ ކުރިން މީޑިއާ ދިން އިންޓަވިއުއެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓުތައް ހިމެނުމަކީ މޯލްޑިވިއަންގެ ބައިލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ހިފާފައިވާ އަމާޒުގެ މުހިއްމު ހިއްސާއެއްކަމުގައެވެ. މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓް ގެންނަން ހަމަޖެހިފައިވާކަން ހާމަކޮށް އަމީން ވިދާޅުވީ އެ ބޯޓުތަކާ އެކު އާ 7 މަންޒިލަކަށް ދަތުރުތައް ފަށާނެކަމަށެވެ.

އަދި އެ ބޯޓު ގެނެސް ޗައިނާގެ 4 މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓް ފަށަން ނިންމާފައިވާއިރު ޕްލޭނާ އެއްގޮތަށް ޔޫރަޕްގެ ޑެސްޓިނޭޝަންތަކަށްވެސް ދަތުރު ފެށިގެންދާނެ ކަމަށްވެސް އަމީން ކުރިން ވިދާޅުވެފައިވެއެވެ.