ގުޅިފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް ވަސީލަތްތައް ގާއިމް ކުރަން ޗައިނާގެ ކުންފުންޏަކާ އެކު ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކ. ގުޅިފަޅުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުޅިފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް ވަސީލަތްތައް ގާއިމް ކުރަން މިއަދު ހަވާލުކުރީ ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏާއެވެ. މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަބްދުﷲ މުއްތަލިބްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރު ކިއާން ހައޯޖޫންއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއަދު ސޮއި ކުރެއްވި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަމަށެވެ. އަދި މި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ތަރައްގީއަށް އިސްކަން ދޭނެކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ގުޅިފަޅު ހިއްކާފައި އޮތްބައިންނާއި އަލަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތިތައް ދޫކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ތަނުގެ އަސާސީ ހިދުމަތްތައް ގާއިމުކޮށްފައެއް ނުވެއެވެ.