ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ އެކި ހިސާބުތަކުގައި މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމަށާއި އެ ކަން ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ބައެއް ބޭރު ހަބަރުތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން ޗައިނާގައި ފެތުރެމުން ދަނީ ހިއުމަން މެޓަނިއުމޯވައިރަސް އެވެ. ޗައިނާގެ އުތުރުގެ 14 ޕްރޮވިންސެއްގައި މި ބަލި ފެތުރެމުންދާ ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ޗައިނާގެ ސީޑީސީ އާ ހަވާލާދީ އެޗްޕީއޭއިން ބުނީ، ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއާއެކު އެޗްޕީއޭއިން ބުނީ، ފިނި މޫސުމާ ދިމާކޮށް ޗައިނާ އާއި ފިނި އެހެނިހެން ގައުމުތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރު މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި މި ހާލަތާ ގުޅިގެން ޗައިނާއިން ކުއްލި ހާލަތު އަދި އިއުލާނުނުކުރާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ޗައިނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ފިނި މޫސުމާ ދިމާކޮށް އެހެން ގައުމުތަކުގައި ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރު އިތުރު ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފެތުރެނީ އިންފްލުއެންޒާ ކަމަށާއި، އޭގެ އިތުރުން އާރުއެސްވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް މައިކޯޕްލާސްމާ، ނިއުމޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ފެތުރެމުން ދާ ކަމަށާއި، އެއީ އާންމުކޮށް ވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން މި ދުވަސްވަރު ގިނަ ފަރާތްތަކަކުން އުމްރާއިންނާއި ބޭރު ގައުމުތަކުން އެނބުރި އަންނާތީ ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައި އިތުރުވާނެ ކަމަށް ލަފާކޮށް ބައެއް ކަންކަމަށް ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެ ކަންކަމަކީ:

  • ރޯގާ އާއި ކެއްސުން ފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން ބޭރުގައި މާސްކް އަޅައިގެން އުޅުން
  • އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ޒިޔާރަތްނުކުރުން
  • ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ދިގު ދެމިގެންދާ ނަމަ ޑޮކްޓަރަކަށް ދެއްކުން

ނަމަވެސް ނޭވާ ހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި ދިފާއީ ބާރު ބަލިކަށި މީހުންނާއި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބަލީގައި ބޮޑުވަރު ނުވި ނަމަވެސް އަވަހަށް ސިއްހީ ފަރުވާ ހޯދަން އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.